ނީލްގެ ކޮމްޕިއުޓަރ ސްކްރީނުން ފެނިގެން ދަނީ ގްރާފެއް ސުމަކުން ތިންހާހަށް އަރައިގެން ދާތަނެވެ. ސްޓޮކްމާރކެޓްގެ ވިޔަފާރިޔަކީ އެކަހަލަ އެއްޗެކެވެ. ބައެއް ފަހަރު ވަރަށް މައްޗަށް ދާނެއެވެ. އަނެއްބައިފަހަރު އެހާ ތިރިއަށް ވެސް ދާނެއެވެ. އެހެން ނަމަވެސް އެއީ ރަނގަޅުގޮތުގައި ކުރެވިއްޖެނަމަ ފައިދާހުރި ވިޔަފާރިއެވެ.
ނީލްއަކީ ވަރަށް މޮޅަށް އޮންލައިން ބިޒިނެސް ކުރަން ދަސްކޮށްފައިވާ މީހެކެވެ. އެހެންކަމު މިދިޔަ ދެއަހަރެއްހާ ދުވަހު އޭނާ ކުރި ވިޔަފާރީގައި އެތައްހާސް ރުފިޔާއެއް ފައިދާވެގެން ހިނގައްޖެއެވެ. މިއަދު އޮފީހަކަށް ވަދެވެން އޮތް ނަމަވެސް ގޭގައި އިނދެގެން އެވަޒީފާ އަދާ ކުރެވޭތީ، އަދި އެހާ ފައިދާ ބޮޑު ވިޔަފާރިޔަކަށް ވާތީ އޭނާގެ ހުރިހާ ވަގުތެއް އެހޭދަކުރަނީ ގޭގައެވެ.
މި ވިޔަފާރީގައި ކިތަންމެ ފައިދާއެއްވިޔަސް މިއީ އެކަނިވެރި މާހައުލެކެވެ. އެކަން އެންމެ ބޮޑަށް ފާހަކަ ކުރީ އޭނާގެ މަންމަ ސޯފިޔާއެވެ.
“ދަރިފުޅާ، ނީލް. މަންމައަށް ވެސް ވަގުތުކޮޅެއް ހުސްކޮށްބަލަ.”ސޯފިޔާ ނީލްގެ ޖަވާބަކަށް ބެލުމެއް ނެތި ކޮޓަރިއަށް ވަދެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. ސޯފިޔާ އިށީނުމުން ނީލް ކުރަން އިން މަސައްކަތް އެވަގުތަށް ހުއްޓާލާފައި އޭނާގެ މަންމައާ ދިމާއަށް ގޮނޑި އަނބުރާލިއެވެ. އަދި ނުހަނު ލޯތްބާއެކު އޭނާގެ މަންމަގެ މޫނަށް ބަލަހަށްޓައިގެން އިނެވެ.
“ބުނޭ މަންމާ. އަހަރެން ކޮށްދޭންވީ ކޮންކަމެއް.” ނީލް މަންމަގެ ކަކޫ މަތީގައި އަތް ބޭއްވިއެވެ.
“ދަރިފުޅު އަބަދު ތިހެން އެކަނި ކޮޓަރިތެރޭގައި އިންނަތަން ފެނިގެން މަންމައަށް ހިތްދަތިކަން އެބަލިބޭ. އަނެއްކާ އަހަރެން މިވާހަކަ ދައްކަން ފެށީމަ ކަލޭގެ ވިޔަފާރި ބަނގުރޫޓެއް ނުވާނެތަ؟”
“އަހަންނަށް ހުރިހާ ވިޔަފާރިއަކަށް ވުރެން މާ އުފާވާނެ މަންމަ އަހަރެން ގާތު އިނީމާ. އަހަރެން ކޮށްދޭންވީ ކޮން ކަމެއްތަ؟”
“އަހަރެން ކަލެއަށް ވަރަށް ރަނގަޅު ކުއްޖަކު ހޯދައިފިން. އޭނާގެ ބޭބެވެސް ކަލެއާ ވަރަށް ރުހޭ. މަންމައަކު ބައްޕައަކު ނެތް. ހުރިހާ އެއްޗަކީވެސް އެ ބޭބެ.”
“ދެން އަހަރެން ކުރަންވީ ކީތް މަންމާ. މަންމަ ގޮސް އެކުއްޖާއާ ވާހަކަ ދައްކަންވީނު އެހެންވީއިރު.”
“މަށޭ. މަށެއް ނޫން ދާންވީ. އެކުއްޖާ އުޅެނީ ހުޅުމާލޭގެ ފުލެޓެއްގަ. ކަލޭ ގޮސް އެކުއްޖާއާ ބައްދަލު ކުރޭ.”
“ އެވަރުގެ ކަމެއް؟” ނީލް އޭނާގެ މަންމަގެ އަތުގައި ހިފާލިއެވެ.
“ކަލޭ ދާނަންތަ؟ ކަލޭ ދެކޮޅެއް ނުހަދަންތަ؟”
“މަންމާ، ކީއްވެ އަހަރެން ދެކޮޅު ހަދަންވީ؟ މަންމަ ބުނީމާ އަހަރެން ނުކުރާނީ ކޮން ކަމެއް؟”
“މަންމަ ބުނީތީއެއް ނޫން. ކަލޭ އެކަންތައް ކުރަންވާނީ ރުހިގެން. “
“މަންމާ އަދި އެކުއްޖާއަކު ނުވެސް ފެނެއެއްނު؟ ފެނިގެންނެއްނު ރުހެވޭނީ ވެސް.”
“ހެޔޮ މާދަމާ ހަވީރު ދޭ ހުޅުމާލެއަށް. އެތާނގެ ރެސްޓޯރަންޓަކަށް އޭނާ އަންނާނެ. 4 ޖަހާއިރު. ދާތި”
“ރުޚޫ ދެން މިކަމާ ދެކޮޅު ނަހަދަ ބަލަ.” ރުޚްސާނާގެ ބޭބެ ސަލީމު ފޯނުން އޭނާގެ އަންހެން ކޮއްކޮއާ ވާހަކަ ދައްކަމުން ދިޔައެވެ. “އަބަދަކު ރުޚޫއަކަށް ވެސް ބޭބީ ހެދިގެން ނޫޅެވޭނެއެއްނު؟ ބޭބެއަކަށްވެސް އަބަދަކު ރުޚޫގެ ހުރިހާ ކަމެއް ނުބެލެހެއްޓޭނެއެވެ. އަމިއްލަ ދިރިއުޅުމެއް ފަށަން ވެއްޖެއެއްނު ރުޚޫ މިހާުރު؟”
ރުޚޫ އޭނާގެ ޑައިލޮގު ފެށިއެވެ. އެކަމަކު ސަލީމު އެވާހަކައަށް ހުރަސް އެޅިއެވެ. “ ރުޚޫ ކޮންމެ ފަހަރަކުވެސް ތިޔަ ބަހަނާއެއް ދައްކާނެ. ތިހެން ކިޔާފަ ކިހާ ރަނގަޅު ކުދީންތަކެއް ތިޔަ ދޫކޮށްލަނީ؟”
“ބޭބެއަށް ކިހިނެއް އެނގެނީ އެއީ ރަނގަޅު ކުދީންކަން؟ އަހަރެންގެ އޮފީހުގެ ކިތައް ކުދީންތަ އެމީހުންނަށް ދިމާވިގޮތުގެ ވާހަކަ ދައްކަނީ؟ ލޯބިވެގެން އިނދެފައި ވެސް މަހެއް ނުވެ އަރާރުން ވެ ތަޅާފޮޅާ އަނިޔާ ކުރަނީއޭ ކިޔައިގެން؟”
ރުޚޫއަށް ހީވޭތަ އެކަހަލަ ކުއްޖަކު މި ބޭބެ މަތި ކޮށްދޭނެހެންނެއް؟ އަޅެ އެންމެ ފަހަރަކުވެސް އޭގެ ކުއްޖަކާ ބައްދަލުކޮށް ވާހަކަ ދެއްކިންތަ؟”
“ވާހަކަ ދެއްކީމަ އެނގޭނެތަ އިނދެފައި ހަދާނެ ގޮތެއް؟”
“މިފަހަރު ކޮއްކޮ އަހަރެން މިދައްކާ ކުއްޖާއާ އަޅެ ވާހަކަދައްކަބަލަ. މަ ނުބުނަން ހަމަ ފެންނަ ތަނުން އިންނާށެކޭ ވެސް. ޝަހީބާވެސް އަބަދު އެވާހަކަ އެބަ ދައްކާ. އޭނައެއީ މިއަދު ކަލޭގެ މަންމަގެ މަގާމުގައި ހުރި މީހާ. އޭނައަކަށް ވެސް އަބަދަކު ކަލެއަށް ކަންކަން ކޮށް ދޭކަށް ނޫޅެވޭނެއެއްނު؟”
“އެކަމަކު ބޭބޭ…. “
“ބުނަން ރުޚޫ. މީ އަހަރެން މިވާހަކަ ދައްކާނެ އެންމެ ފަހު ފަހަރު. ކަލޭ މާދަމާ ގޮސް އޭނައާ ބައްދަލު ކުރޭ. އެހެންނޫނީ މަށާ ދެން ރުޚޫގެ އެއްވެސް ކަމަކާ ބައްސާނެ ކަމެއް ނެތް. މީގެ ފަހަކުން ކަލޭ މީހަކާ ބައްދަލު ކުރާށެކޭ މަށެއް ނުބުނާނަން .”
ސަލީމް ރުޅިއައުން އެއީ ރުޚްސާނާއަކަށް ވަރިހަމަކޮށް ލެވޭނެ ކަމެއް ނޫނެވެ. “އޭނާ އަވަސް އަވަހަށް ބޭބެގެ ރުޅި މައިތިރި ކުރެވޭތޯ އުޅެގަތެވެ. “މަ ހިނގައިދާނަމޭ ބޭބޭ. އެކަމަކު ބޭބެ ތިބުނީ މީގެ ފަހަކުން އަހަރެން މީހަކާ ރައްޓެހި ކުރުވާކަށް..”
“އާނ. މިނިމުނީ. މީގެ ފަހަކުން މިހެން ކަލޭ މީހަކަށް ތައާރަފުކޮށްދޭކަން ރައްޓެހި ކުރުވާކަށް، ކަލޭ މީހަކާ އިނދޭތޯ ވަރިކުރޭތޯ ބަލާކަށް މަށެއް ނޫޅޭނަން.”
“އެހެންވީ އިރު ބޭބޭ. އަހަރެން މާދަމާ އޭނާއާ ބައްދަލު ކުރަން ދާނަން.” އެހާ ހިސާބުން ބޭބެގެ ފޯނު ކަނޑާލީމަ އޭނައަށް ހަމަ ނޭވައެއް ލެވިއްޖެއެވެ.
އެއީ ކޯޒީ ކެފޭއެވެ. އެއީ ހަމަ ހިމޭން ހިތްގައިމު ތަނެކެވެ. ކޮވިޑްގެ ފަހުން އެތަން ހުޅުވީ ކުރިއަށް ވުރެން ބޮޑަށް މާ ހަމަޖެހިގެން ދެލޯބިވެރީން ބައްދަލުކޮށް އުޅެވޭނެހެންނެވެ. އެއް މޭޒު އަނެއް މޭޒާ މާކައިރި ނުވާނެ ފަދައިން ޑިޒައިނަށް ބަދަލު ގެނެސްގެންނެވެ. އެހެން ކަމުން މިތަނަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކެފޭއަކަށް ވަނީ ވެފައެވެ.
މިވަގުތު މިތަނުގައި ވަރަށް ޒުވާން ސީދާ ސާދާ ސިފަތަކެއް ފެންނަ ފިރިހެން ކުއްޖަކު ލެމަން ސޮޑާ ތައްޓެއް ބޯން ހިމޭން ކަމާއެކު އެބައިނެވެ. އޭނާގެ އިސްތަށިގަނޑު ބޮލެވެ. އެކަމަކުވަނީ ވަރަށް ރީއްޗަށް އޮމާންކޮށްލާފައެވެ. އޭނާ އިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. އެހެންނަމަވެސް ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާ ލައިގެން އިނީ މެރޫން ކުލައަކަށްދާ މުށިކުލައިގެ އަތްދިގު ޓީޝާރޓެކެވެ. އެކަމަކު ކަކުލާ ދިމާލުން ފޫގޮސްފައިވާ ޖީންސެކެވެ. ތުނި ތުނބުޅިއަކާއި މަތިމަހެއް ހުއްޓެވެ. އެއްގޮތަކަށްވެސް ޒަމާނީ ވެގެން ހައްދުންނައްޓާލާފައެއް ނެތެވެ. އޭނާ އިނީފޯނަށް ބަލަހަށްޓައިގެންނެވެ.
ހަވީރުގެ ހަމަހިމޭން ވަގުތު ބުރައުން ޑާރކް ރޮނގު ދެމި ޓޮޕަކާއި އޮރެންޖް ކުލައަކަށްދާ ރީނދޫ ސްކަރޓެއް ލައިގެން ހުރި އިސްކޮޅުން މެދުމިން ޒުވާން އަންހެން ކުއްޖަކު ވިލިމާލޭގެ މަގަކުން ހިނގާފައި ކޯޒީ ކެފޭއާ ދިމާލަށް ހިނގާފައި ދާތަން ފެނެއެވެ. އޭނާގެ އެއްކޮނޑުގައި ބޮޑު ބުރައުން ހޭންޑްބޭގެއް އަޅުވާފައި އޮތެވެ.
ވޭޓަރު އަނެއްކާވެސް އެ ޒުވާނާއަށް ލެމަން ސޮޑާ ތައްޓެއް ގެނެސްދޭތަން ފެނެއެވެ. ކެފޭއަށް ވަން އަންހެން ކުއްޖާ އައިސް މޭޒުގެ އަނެއް ފަރާތު ހުއްޓިގެން ހުއްޓެވެ. އެ ޒުވާނާއަކަށް މިއިންކަމެއް ރޭކާލާހެނެއް ހިޔެއް ނުވެއެވެ.
“ނީލް” އެހަމަ ހިމޭންކަން ގެއްލިގެން ދިޔައީ އެ އަންހެން ކުއްޖާ ނީލްއަށް ގޮވާލީމައެވެ. އޭނާގެ ފޯނު އަވަހަށް ބާއްވާލިއެވެ.
“ރުޚޫ، އިށީނދޭ. ކޯޗަކަށް އޯރޑަރ ދޭންވީ؟”
“އެއްޗަކަށް އޯޑަރ ދޭނެ ކަމެއްނެތް.” އޭނާ މިހެން ބުނީ ވަރަށް ރުންކުރު ގޮތަކަށެވެ.
ނީލް އޭނާއަށް ފުންކޮށް ބަލާލިއެވެ. “އެއްޗެއް އަހާލަންތަ؟” ނީލް އޭނާގެ މޫނަށް ބަލަން އިނދެ ބުންޏެވެ.
“ތީނައަށް މިތަނަށް އަންނަން އެކަކުވެސް މަޖްބޫރު ކުރީތަ؟”
“އާން. ބޭބެ.”
“އޯހ. ކީއްވެ؟”
“ނީލް. ސުވާލަކަށް ފަހު ސުވާލެއް.”
“އަހަރެން ބޭނުންވެޔޭ ރުޚުއާ ބެހޭ ހުރިހާ ކަމެއްވެސް އެނގެން.”
“ބޭބެ މީގެ ކުރީން ދިހަ ވަރަކަށް މީހުންނާ އަހަރެން ގުޅުވަން އުޅުނު. އެއިން ކޮންމެ ފަހަރަކުވެސް އަހަރެން ހަމަ ރިޖެކްޓް ކުރީ.”
“މީއަހަރެން ކުއްޖަކާ ބައްދަލު ކުރާ ފުރަތަމަ ފަހަރު.”
“ތަޖްރިބާއެއް ނެތި ދޯ؟”
“ފުރަތަމަ ފަހަރުން ފެށިގެން ދެން ލިބޭނީ ހައްތާވެސް ތަޖްރިބާ ނޫންތަ؟ އެމީހުންނާ ބައްދަލު ނުކޮށް ރިޖެކްޓް ކޮށްލީމަ ތީނައަށް ވަކި ލިބުނީ ކޮން ތަޖްރިބާއެއްތަ؟”
“މީހަކާ ބައްދަލު ނުކުރިޔަސް އަހަރެން މީ ލައްކަ ތަޖްރިބާ ހުރި މީހެއް.”
“ހަމަ ތިގޮތަށް މަށަށް ވެސް ތަޖްރިބާ ހުންނާނެނު.”
“ދެން ކީއްވެ މިފަހަރު ތިއައީ.”
“އަހަރެން މިފަހަރު ނައިނަމަ ބޭބެ އަހަރެން ގެންގޮސް ތިލަފުށްޓަށް އެއްލާލާނެ. މީހަކާ ބައްދަލުކޮށްލިއަކަސް އެމީހަކާ އިންނާކަށް ވެސް ނުޖެހޭނެނޫންހޭ ބޭބެ ބުނީމަ މިއައީ.”
“މީހަކާ އިނުން އެއީ ކޮށްގެން ނުވާނެ ކަމެއްތަ؟” ނީލް އަނެއްކާވެސް ސަމާސާ ރާގަކަށް ސުވާލުކޮށްލިއެވެ.
“އަހަންނަށް ކަމުދާކަމެއް ނޫން. މިނިވަންކަން އެހާ ހިސާބުން އެގެއްލުނީނު.”
“ބުނެދީބަލަ ތިހެން ތިޔަބުނާ ސަބަބެއް.”
“ހަމަ ތަނަކުން މީހަކު ފެންނަ އިރަށް އޭނާގެ ގޮތެއް ނުބަލާ އިނީމާ ކިތައް މީހުން ކިހާ ހާލުގައި އުޅެން އެބަ ޖެހޭތަ؟”
“މީހަކު ނުފެނުނަސް ރުޚޫ ތިޔަ ކަންކަން ނިންމަނީނު؟ ފަޅި ސިކުންތެއްގެ ތެރޭ ރިޖެކްޓް ކޮށްލަނީނު؟ ބަލާވެސް ނުލައެއްނު؟”
ރުޚްސާނާ ބުނާނެ އެއްޗެއް ނޭނގިފައި ހިނދުކޮޅަކު އިނެވެ. “އަހަރެން ތިޔަވަރަކަށް އެކަމާ ވިސްނައެއް ނުލަން. އެކަކުވެސް އަހަންނަށް ކަމަކު ނުދާނެ ކަމަށް ވިސްނާފައި އެހެން ހަދާލަނީ.”
“އެހެންވީ އިރު މިހާރު ތިޔަހުރީ ކިހާ ގިނަ ރަނގަޅު ފިރިހެނުންތަކެއް ރިޖެކްޓް ކޮށްލާފައެއް ނޫންތަ؟”
“މިހާތަނަށް އައިސްފަ ކޮންމެވެސް އެއްޗެއް ކާލަންވީނު. އައިސްކްރީމެއް ނަމަވެސް ނޫނީ ފިނި ބުއިމެއް ނަމަވެސް.”
“ އަހަރެން މިއައީ ކައިބޮއި ހަދާކަށް ނޫނޭ.”
“އެހެންވީ އިރު ދެން ތި އައި ކަންތައް ކޮށް ނިންމާލާފައި ދާން ހިނގާބަލަ.”
“އެހެން ހަމަ ބުނެލާއިރަށް ވަގުތުން ކަންތައް ނިންމާލެވޭނެތަ؟ އަހަރެން ބުނެފީމެއްނު މީހަކަށް ކޮމިޓް ކުރާނަމަ ހިނދުކޮޅެއްގެ ތެރޭގައި އެކަމެއް ނުވާނެއޭ.”
“އެހެންވީ އިރު ބޭނުންވަނީ ކިތައް ގަޑިއިރުތަ؟ ކިތައް ދުވަސްތަ؟”
“އެއީ އެއްދުވަހަކުން ދެދުވަހަކުން ނިންމަން އެނގޭނެ ކަމެއް ނޫނޭ.”
“ތިހެންވީއިރު ދަބަހަކަށް އެއްޗެހި ލައިގެން އަހަރެންގެ ގެޔަށް އައިސް އުޅެންވީނު؟ އޭރުން އަހަރެން އުޅޭ ގޮތް ވެސް ފެންނާނެއެއްނު؟”
ރުޚްސާނާ އެއްވެސް އެއްޗެއް ނުބުނެ ނީލްގެ މޫނަށް ބަލަން އިނެވެ.
“ކީއްވީ. ނުކެރޭނެ ދާކަށް ދޯ؟”
ރުޚްސާނާ ވަރަށް ސީރިއަސްކޮށް ބުންޏެވެ. “ނީލް އަހަރެންގެ ގެޔަށް އާދޭ.”
“ހަމަ ސީރިއަސްކޮށް؟”
“އާނ. އަހަރެންގެ ފްލެޓްގަ ދެ ކޮޓަރި ހުންނާނެ. އެކަމަކު ވިސްނާތި ކަސިޔާރު ޚިޔާލެއް ވެސް ނުކުރާތި.”
“ހަމަ ސީރިއަސް.”
“އާން ސީރިއަސް. ކޮބާ ނުކެރުނެއްނު؟”
“ކެރޭނެ. ބަލަން ހުރޭ.”
“އެކަމަކު އަހަރެން އަނެއްކާވެސް އިންޒާރު މިދެނީ. ބޭބެއަށް އިތުބާރުކޮށްފަ މި ދައުވަތު މިދެނީ. ބޭބެ އަހަންނަކަށް ގޯސް ކުއްޖަކު ނުދައްކާނެކަން އެނގޭތީ. އަދި އެކަމަކު ބުނަން. އަހަރެން މިހެން ހުއްޓަސް ކަރާޓޭ ބްލެކްބެލްޓް ނަގާފަ މިހިރީ. އެހެން ނޫނަސް ވަށައިގެން ސެކިއުރިޓީ ކެމެރާ ހުންނާނެ. ބޭބެ 24ގަޑި އިރު ފާރަލާނެ.”
“ ހާދަ ބޮޑު އިންޒާރެކޭ. އެކަމަކު އަހަރެން ތިޔަ ކަމާ ބިރެއް ނުގަނޭ. ކޮން އިރަކު ދާންވީ؟”
“ނީލް އަށް ފަސޭހަ އިރަކުން.”
“ވޭޓަރ. 2ވެނީލާ އައިސްކްރީމް އަވަހަށް ގެނޭ.” (ނުނިމޭ)