English Edition
Dhivehi Edition
އައްޑޫގައި އެމްބިއުލަންސެއް ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓް./ފޮޓޯ ވަގުތު

ހޯމަ ދުވަހުގެ އިރު އޮއްސުމާއި ބައްދަލުވި ވަގުތު އިވުނީ އައްޑޫ ގައި އެއްފަހަރާ ދެ އެކްސިޑެންޓެއް ހިނގި ޚަބަރެވެ. ސައިކަލަކުން ދިޔަ އަންހެން ކުއްޖަކު ވެއްޓިގެން ހިނގާދިޔަ އެކްސިޑެއްޓެއްގައި އޭނާއަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް އެމްބިއުލާންސް ކުރަމުން ދިޔަ ދަތުރަށް އިތުރު ހުރަހެއް ކުރިމަތިވީ އެމަގުން ދިޔަ އެހެން ސައިކަލެއްގައި އެމްބިއުލާންސް ޖެހުނު ހިސާބުންނެވެ.

ސައިރަންގެ ބާރު އަޑާއެކު އެހާމެ ބާރު ސްޕީޑުގައި ދިޔަ އެމްބިއުލާންސް ސައިކަލެއްގައި ޖެހުނީ ހިތަދޫ ލިބޭ ފިހާރަ ހުންނަ ހިސާބުންނެވެ. އެވަގުތަކީ މަގުތައް އެންމެ ހަލަބޮލި ވަގުތު ކަމަށް ވެފައި ދެ އެކްސިޑެންޓްގައި ވެސް ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށް މަންޒަރު ދުށްމީހުން ހާމަކުރެއެވެ.

އެމްބިއުލާންސާއި ސައިކަލް ޖެހުނު އެކްސިޑެންޓްގައި ޒަޚަމްވި ޢުމުރުން 18 އަހަރުގެ ޒުވާނާއަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާ ހޮސްޕިޓަލަށް ގެނައި އިރު މާބޮޑު އަނިޔާއެއް ބޭރުފުށުން ފެންނަން ނެތަސް ޓެސްޓްތަކަކަށްފަހު ސިކުނޑި އަށް ލޭއެޅިފައިވާކަމަށް ދައްކާތީ ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.

ހިތަދޫ ގައި ފުރަތަމަ ހިނގާދިޔަ އެކްސިޑެންޓްގައި އަނިޔާވި ޒުވާން އަންހެނަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ގެއަށް ފޮނުވާލާފައެވެ.

އައްޑޫސިޓީގައި ހިނގާދިޔަ އެކްސިޑެންޓްތައް ތަޙުގީގު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކުރެއެވެ.