ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް، އާންމު ނަމުން ނަމަ ކައިޒީން، ބައްޕައާއި ދެކޮޅަށް ކުރާ ، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި ބައްޕައާ ދެކޮޅަށް ނެރެދެން އެދިފައިވާ އަމުރެއް ނެރެން ނުފެންނަ ކަމަށް ސިވިލް ކޯޓުން ނިންމުމުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
މި ދިޔަ ޑިސެމްބަރު މަހު ބައްޕައާއި ދެކޮޅަށް ކައިޒީން ދައުވާކުރީ އޭނާ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓެއް ގަތުމުން އެ ބޯޓު އޭނާގެ ރުހުން ނެތި ބައްޕަގެ ނަމަށް ރަޖިސްޓްރީކުރި ކަމަށް ބުނެ އެވެ. ކައިޒީން ދައުވާކުރީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.
އެފަހަރު ސިވިލް ކޯޓުން ވަނީ ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދީފައެވެ. ކައިޒީންގެ ފަރާތުން އެންމެ ފަހުން ކޯޓުގައި އެދުނީ ބޯޓު ގަންނަން ފައިސާ ދިނީ ކައިޒީން ކަމަށް ކަނޑައަޅައި ބޯޓުގެ މިލްކުވެރިޔަކީ ވެސް އޭނާ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ނަމަވެސް، ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް އުފުލާފައިވާ ދައުވާގައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވުމާއެކު، ސިވިލްކޯޓުން ވަނީ އިތުރު އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅާފައެވެ. ކައިޒީން ހައިކޯޓަށް މައްސަލަ ހުށަހެޅީ އެ އަމުރު އިސްތިއުނާފު ކުރުމުންނެވެ.
އެ މައްސަލައިގައި ކައިޒީންގެ ބައްޕަ ، އިބްރާހީމް އަލިފުޅުގެ ފަރާތުން ބުނެފައި ވަނީ، ބޯޓު ގަނެފައި ވަނީ ކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައިވެއެވެ.