English Edition
Dhivehi Edition

އައްޑޫސިޓީއަށް ޓޫރިޒަމާއި ލޯކަލް ޓޫރިޒަމް އަތުވެއްޖެއެވެ. ދެންއޮތީ އެކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަސައްކަތެވެ.

އެކަންކުރުމަށް ކުރަންޖެހޭ ކަންކަމުގެ ތެރެއިން އެއްކަމަކީ އައްޑޫ ސިޓީ ސާފު ސިޓީއަކަށް ހެދުމެވެ. ކުނިބުނިތަކުން ސަލާމަތްވެފައިވާ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމެވެ. އެހެންނަމަވެސް އެކަން އެންމެ އެދެވޭ ގޮތުގައި ކުރެވޭތަނެއް ނުފެނެއެވެ.

ދޭތެރެދޭތެރެއިން ބަޔަކު ނުކުމެ އައްޑޫސިޓީގެ އެކި އަވަށްތަކާއި ތަންތަން ސާފުކުރާތަން ފެނެއެވެ. އެއީ އިޖުތިމާއީ މަސައްކަތެއްގެ ގޮތުގައި ކުރާކަމެކެވެ. އެހެންނަމަވެސް އެކަން ކާމިޔާބުވާނީ މުޅި މުޖުތަމައު އެކަމުގައި އެއްބަހެއް ކިޔައިގެންނެވެ. އެއްބަޔަކު ސާފުކުރަމުންދާ ވަރަކަށް އަނެއް ބަޔަކު ކުނިއަޅާ ކަމަށްވާނަމަ މަސައްކަތްކުރަން ތިބޭ މީހުންގެ ހިތްވަރާއި އުންމީދު ގެއްލޭނެއެވެ.

އައްޑޫސިޓީގެ އެކިއަވަށްތަކުގައި ދުއްވައިލުމުން ފުނިފުންޏަށްހުރި ކުނިތައް މިހާރުވެސް އެބަފެނެއެވެ. ބައެއް ފިހާރަތަކާއި ރެސްޓޯރެންޓް ހިމެނޭ ސަރަހައްދުތަކުން އެފަދަކުނިތައް އެބަފެނެއެވެ. އެއީ ކޮންމެ ބަޔަކުކުރާ ކަމަކަށްވިޔަސް އެކަން ހުއްޓާލަން އެބަޖެހެއެވެ.

ނިސްބަތުން އައްޑޫގެ އާބާދީ ބޮޑެވެ. އެހެންނަމަވެސް އަތޮޅު ކުޑައެވެ. އެހެންވީމާ މުޅި އަތޮޅު ނުވަތަ މުޅިސިޓީވެސް ސާފުތާހިރުކޮށް ބާއްވަންޖެއެވެ.

ތަފާތު ބަލިތަކުން ސަލާމަތްވެ ތިބުމަށް ސާފުތާހިރުކަންމަތީ ތިބެންޖެއެވެ. ސިޓީގައި އިންޓަރނޭޝަލަން އެއާޕޯޓެއް އެބައޮތެވެ. ރިސޯޓުތައް އެބަހުއްޓެވެ. ގެސްޓުހައުސްތައް އެބަހުއްޓެވެ. އެތަންތަނަށް އަންނަ ގެސްޓުންނަށް އައްޑޫގެ ސާފުތާހިރުކަން ދައްކަން އެބަޖެހެއެވެ. މިސިޓީގެ ސާފުތާހިރު ކަމާމެދު އެމީހުންގެ އިތުބާރު ހޯދަން އެބަޖެހެއެވެ.

އައްޑޫ ސިޓީ ވިއްކާލެވޭނީ ނުވަތަ ބޮޑަށް އިސްތިހާރު ކުރެވޭނީ އޭރުންނެވެ. ނަލަފެހި އައްޑޫ، ނަލަނަލަ އައްޑޫ، އައްޑޫގެ ރީތި ޖައްވުފަދަ ތިމާވެއްޓާ ރައްޓެހި ބަސްތައް ބޭނުންކޮށް އައްޑޫ ޕްރޮމޯޓް ކުރުމުގެ އިތުރަށް އެކަން އަމަލުންވެސް ދައްކަން އެބަޖެހެއެވެ. އެހެންނޫނީ އައްޑޫގައި ލޯކަލް ޓޫރިޒަމް ފައްކާވަމުން އަންނައިރު އޭގެ އެންމެ އެދެވޭ މަންފާ ހޯދުމަށް ހުރަސްތަކެއް ދިމާވެދާނެއެވެ.