English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އަށް ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން އްޔާރުކުރަން ބޭނުންވާ ފީޗަރ ފިލްމު ހަދަން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ ދައުވަތު ދީފައެވެ. ޖެންޑާއިން ކުރި އިއުލާނުގައިވަނީ އެ މަސައްކަތުގެ މައުލޫމާތު ސާފުކުރުން މި މަހުގެ 29 ވާ ބުދަ ދުވަހު އޮންނަނެކަމަށާ އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެ މަސައްކަތުގެ މައުލޫމާތު ކަރުދާހުގައި ވާ ގޮތުން އެ ފިލްމަކީ ދެމަފިރިންގެ ފުރިހަމަ ބައިވެރިވުމާ އެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމަކަށް ވާންޖެހެއެވެ. އަދި ފިލްމުގެ ދިގުމިނަކަށް ވާން ޖެހޭނީ ގާތްގަނޑަކަށް 90 މިނެޓެވެ.

މި ފިލްމު އުފެއްދުމާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން ފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔާނީ އެ ފިލްމު މެދުވެރިކޮށް މިނިސްޓްރީން މުޖުތަމައަށް ފޯރުކޮށްދޭން ބޭނުންވާ މައިގަނޑު މެސެޖުތަކުގެ މައްޗަށް ބިނާކޮށް ފިލްމުގެ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ. ޖެންޑާއިން ބުނީ މި ފިލްމުގެ ލީޑު ރޯލުގައި ހަރަކާތްތެރިވާ މީހުންގެ ހަރަދު ހަމަޖައްސަން ޖެހެނީ އެ މަސައްކަތާ ހަވާލުވާ ފަރާތުންކަމަށާއި އެކަމަކު ކުދި ރޯލުތަކަށް މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

މި މަަސައްކަތާ ހަވާލުވާ ބަޔަކު ފިލްމު ޕްރޮމޯޓްކުރަން 30 ސިކުންތުގެ ޓްރެއިލާއެއް ވެސް ތައްޔާރުކުރަން ޖެހެއެވެ.