English Edition
Dhivehi Edition

އައްޑޫސިޓީގައި އަންނަ އަހަރު ހުޅުވުމަށް ތައްޔާރުވަމުންދާ އިސްމެހެލާހެރަ ރިސޯޓުގެ ފުރަތަމަ ސާމްޕަލް ރޫމްތަކުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މޮކަޕް 3 ރޫމްގެ ތެރެއިން އެއްރޫމުގެ ފައުންޑޭޝަންގެ މަސައްކަތް މިއަދު ފަށާފައިވާއިރު މަސައްކަތް ފަށާތާ 1 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި 3 ރޫމްގެ މަސައްކަތް އެކީގައި ނިންމާލެވޭނެ ކަމަށް ރިސޯޓުގެ މެނޭޖްމަންޓުން ބުނެއެވެ.

“ސާމްޕަލް ރޫމެއްގެ ގޮތުގައި އެންމެ ފުރަތަމަ މިފެށީ ބީޗް ވިލާއެއްގެ މަސައްކަތް. އަދި އިތުރު 2 ރޫމް ވީހާ އަވަހަކަށް ނިންމާގޮތަށް މަސައްކަތް މިކުރަނީ. ކަނޑައެޅޭ ތާރީޚަށް މަސައްކަތް ނިންމުން ޓާގެޓަކީ” ސައުތު ޕާމް މޯލްޑިވްސް ގެ އެމްޑީ އަދި ސީއީއޯ މޫސާ ދީދީ ވިދާޅުވިއެވެ.

މީގެ ކުރިންވެސް މޫސަ ވަނީ ނޮވެމްބަރު 15 ވަނަ ދުވަހު ރޫމްތަކުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ހުޅުވުމަށް ތައްޔާރުވަމުންދާ އިސްމެހެލާހެރައިގެ 60 ރޫމް މިހާރުވެސް ވަނީ ވިއްކާލާފައެވެ. ޔޫރަޕްގެ ޗާޓަރ ފްލައިޓެއް ގެސްޓުން ގޮވައިގެން އަންނަ އަހަރުގެ އޮކްޓޯބަރ މަހު އައްޑޫއަށް އަންނާނެކަމަށާއި އެހާ ހިސާބަށް ރިސޯޓު ހުޅުވޭނެ ކަމަށް މޫސާ ވިދާޅުވިއެވެ.

“އެ ޓާގެޓްގައި މަސައްކަތް މި ކުރަނީ. މިހާރު ސަރުކާރުން ނަގަންޖެހޭ އެއްވެސް ހުއްދައެއް ނޯންނާނެ. ވަރުގަދަ ދިވެހި ޓީމެއް މިތަނުގައި އެބައޮތް. އިރާދަ ކުރެއްވިއްޔާ ކަނޑައެޅޭ ތާރީޚަށް މި ރިސޯޓު ހުޅުވޭނެ” މޫސަ ވިދާޅުވިއެވެ.

3 ޖުލައިގައި ރަސްމީކޮށް ސައުތު ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އިސްމެހެލާހެރަ ޕްރްޖެކްޓް ހަވާލުކުރުމާއެކު އެކުންފުނިން ރަށާ ހަވާލުވެ ، ހަލުވި ސްޕީޑެއްގައި މަޝްރޫއު މަސައްކަތް މިވަނީ ފަށާފައެވެ.

1.5ކިލޯމީޓަރުގެ އިސްމެހެލާހެރަ ރިސޯޓެއްގެ ގޮތަށް ތަރައްގީކޮށް ހުޅުމީދޫގެ އިގްތިޞާދަށް އިތުރު ކުރިއެރުމެއް ހޯދައިދިނުމުގެ މަސައްކަތަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން އެއްވައުދެވެ.