ތިންމީހުންވެސް ތިބީ ހިމޭނުންނެވެ. ” ނައިނާ,, ނައިނާއަކަށް ނޫންތަ އޭނަ އެގޮވަނީ؟ ނައިނާ ދަންނަންތަ އޭނަ؟ ޝާނީ ވައި އަޑުން ނައިނާއާ ސުވާލު ކުރިއެވެ. ހައިރާން ވެފައެވެ. ” އާނ.. ދަންނަން، ނައިނާއަށް އެހެން ބުނެވުނީ ވަރަށް ހިތްވަރުންނެވެ. ޝާނީގެ ކުރިމަތީގައި ހުރިހާ ކަމެއް ފަޅާއަރާފާނެތީ ނައިނާ ހުރީ ކަންތައް ބޮޑުވެފައެވެ. އެކަމަކު ދެން ހަނދާނީ ކިހިނެތް ހެއްޔެވެ؟ އަޔާން މަޑު ހިނގުމެއްގައި އައިސް ނައިނާއާ ޝާނީގެ ގާތުގައި ހުއްޓުނެވެ. ” ނައިނާ ” އަނެއްކާވެސް އަޔާން ނައިނާއަށް ގޮވާލިއެވެ. ނައިނާއަކަށް ފަހަތަށް އެނބުރި ބަލާކަށް ނުކެރުނެވެ. އަޔާން ދެފަހަރަށް ގޮވާލުމުން ޝާނީގެ ހިތުގައި ސުވާލު އުފެދުނެވެ.
” އަހަންނަން ކިޔަނީ ޝާނީ” ޝާނީ ސަލާންކޮށްލަން އަތްދިއްކޮށްލިއެވެ. އަޔާން ސަލާމުގެ ޖަވާބު ދިނުމުގެ ގޮތުން ޝާނީއާ ސަލާން ކޮށްލިއެވެ. ” އަހަންނަށް ކިޔަނީ އަޔާން” އަޔާންވެސް ތަޢާރަފުވެލިއެވެ. ” ނައިނާ މިފަރާތަކަށް ނުބަލާނަންތަ؟ އަޔާން ސުވާލުކޮށްލިއެވެ. ” އަޔާން ނައިނާ ދަންނަންތަ؟ ޝާނީ ސުވާލުކުރީ ސީދާ އަޔާންގެ ލޮލަށް ބަލަން ހުރެއެވެ. އެވަގުތު ނައިނާ ޝާނީގެ އަތަށް ވަރަށް ބާރަށް ފިތާލިއެވެ. އިތުރު އެއްޗެއް ނާހާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އަޔާންގެ ޖަވާބަކަށް މަޑުކުރުމެއްނެތި ޝާނީއަށް މަޖުބޫރުވީ އެތަނުން ދާށެވެ. ބާރު ހިނގުމެއްގައި ނައިނާއާ ޝާނީ އެތަނުން ދިއުމަށް ހިނގައިގަތެވެ. ޝާނީގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
ގެކައިރިއަށް ދެވުމާއެކު ދެން ދަނީއޭ ބުނެ ނައިނާ ވަނީ ގޭތެރެއަށެވެ. ” އެހަށް މަޑުކޮށްބަލަ ނައިނާ” ޝާނީ އެހެން ބުނުމުންވެސް ނައިނާ މަޑެއް ނުކުރިއެވެ. އެދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަޔާންގެ ހިތުގައި ނައިނާއަށް ދެވިފައިވާ ޖާގަ ވަރަށް ބޮޑެވެ. އެހިތުގައި އަޔާންއަށް އޮތީ ހަމަ ސާފުސީދާ ލޯތްބެވެ. އެކަމަކު ޝާނީ އަޔާންއަށް ބޭނުންވެފައިވާ މިންވަރު ނައިނާގެ ލޮލުގެ ކުރިމަތީގައި ފެންނަމުންދާތީ ނައިނާއަށް އުނދަނގޫ ވަނީއެވެ. އެންމެ ޅަދުވަހުން ފެށިގެން އެކުގައި އުޅެމުން އައި އެކުވެރިޔާއަށް ދެރައެއްދޭކަށް ނައިނާ ބޭނުމެއް ނޫނެވެ. އެކަމަކު ނައިނާއަށް އަޔާން ދޫކޮށްލެވެނޭ ހެއްޔެވެ؟
ގެއަށްވަދެ ފެންވަރައިގެން ނުކުމެ އަޔާން އެނދުގައި ޖައްސާލިއެވެ. ނައިނާ އަޔާންއަށް ޖަވާބު ނުދިން ސަބަބާ ދޭތެރޭ ވިސްނާލިއެވެ. ” އަނެއްކާ ނައިނާއަށް ކީއްބާވީ..؟ އަހަންނާ ދިމާއަށް ބަލާވެސް ނުލި،، އަހަރެންދެކެ ރިޅިއައީބާ؟ އެކަމަކު ނައިނާ އަހަރެން ދެކެ ރުޅިއަންނަށް އަހަންނަށް ކުރެވުނީ ކޮން ކަމެއްބާ؟ މިކަހަލަ ޚިޔާލުތަކެއްގެ ތެރޭގައި އޮއްވާ އަޔާންއޭ ކިޔާ ގޮވަމުން އައީ އަޔާންގެ ބައްޕަފަރާތު ބޮޑުބޭބެގެ ދޮށީ ދަރިފުޅު ދާނިޝް އެވެ. ” އަހަނ ދާނިޝް ކޮންއިރަކު މާލެއިން އައީ…އަންގާވެސް ނުލަމެއްނު؟ ” ބަލާބަލަ ކިތައްފަހަރުތޯ ގުޅާފަ އޮތީ،،، ޖވާބެއް ނުދޭވިއްޔަ؟ މިއަދު ހަވީރު އައީ… މަންމަ ބުނީ ވީ މަހަށް ގޮހޭ.. އެހެންވެ ތަންކޮޅެއް ލަސްކޮށްލާފަ މިއައީވެސް… ހިނގާބަލަ ކޮފީއަކަށް ވާހަކައެއް ދައްކަންވެފަ އެބައޮތެވެ.
އަޔާންއާ ދާނިޝް ދިޔައީ އެރަށުގައި ހުންނަ ދާނިޝްގެ ބައްޕަގެ ކެފޭއަށެވެ. ދާނިޝްގެ މައިންބަފައިންނަކީ ފޯރާ ބައެކެވެ. ތަނަވަސް ބައެކެވެ. ދާނިޝްއަކީ އޭނާގެ މަންމައައާ ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުވެސް މެއެވެ. ދާނިޝް ބޭނުން ކޮންމެ ކަމެއް ކޮށްދޭން އެމީހުން ތިބެނީ ތައްޔާރަށެވެ. ދާނިޝް ގިނައިން އުޅެނީ ވިޔަފާރީގެ ކަންކަމުގައި މާލޭގައެވެ. ދެމީހުން ކޮފީއަށް އޯޑަރު ދިނެވެ. ” ހޫމް ކޮން ވާހަކައެއް ދައްކަންތަ؟ ދާން ތިއުޅެނީ…؟ ދާންއަކީ އަޔާން ދާނިޝްއަށް ކިޔާ ނަމެކެވެ. އެއް އުމުރެއްގެ ދެމީހުންނަށް ވުމުން އޮންނަ ގުޅުންވެސް ވަރަށް ރަނގަޅެވެ. އެކަމަކު ދެފަރާތުގެ އާއިލާގެ ގުޅުން މާރަނގަޅެކޭ ނުބުނެވޭނެއެވެ.
” އޭ ތިޔެއް ނޫނޭ ވަރަށް ސަޅި ބިޓެއް ފެނިއްޖޭ މިރޭ… ޢިޝާ ނަމާދުކޮށްގެން ގެއަށް ދިޔަ މަގުމަތީގަ ފެނުނީ،،، ވަރަށް ހިތްގައިމު އިނގޭ،، ވަރަށް ޗާލު،،، ދާނިޝް ވަރަށް ހަމަޖެހިލައިގެން އިނދެ އަމުނާލިއެވެ. ” އަސްތާ ދާންއަށް ކަމުދާ ކަހަލަ އަންހެންކުއްޖަކު ފެނުނީތާ…ހަމަޔަޤީންތިޔަ ކުއްޖާ ވާނީ ވަރަށް ރީތި ކުއްޖަކަށް! އެހެން ނޫނީ ދާންގެ ހިތެއް އަތެއް ނުލެވޭނެ! ތިޔަ ފަތްމިނީގެ ނަން އެނގޭތަ؟ ނޫނީ އުޅޭ ގެ އެނގޭތަ؟ ” ތިޔައިން އެކައްޗެއްވެސް ނޭނގެ.. އެނގޭހާވެސް އެއްޗަކީ ރީތި ކުއްޖެއްކަން.. މަގޭ ހިތް އަތުލައިފިކަން،،، އުޅެބަލަ މާދަމާ ރަށުތެރޭގައި ބުރެއްޖަހާލަން،،، އަޅެ އަތުޖެހިދާނެއްނު..! ” އާނ އުޅެބަލަ ތިކަމާ އުޅެން،،،ދާންގެ ކަމެއްގަ މަ ދެން އުޅޭނެތާ ދޯ،،އަޔާން އެހެން ބުނުމުން ދާނިޝް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.
” މަ އެބައޮތޭ އިތުރު ސުވާލެއް ކުރަންވެފަ؟ އަޔާންގެ ހިތުގަ ހަމަ ރެނދެއް ނުލާތަ! ހިތްކިޔާކަހަލަ ކުއްޖަކު ހަމަ ނުފެނޭތަ؟ ގައިމު ތީ މިރަށުގައި ހުރި އެންމެ ރީތި ފިރިހެނާއޯ.. ކިތައް އަންހެން ކުދިންތަ އެހެން އެބުނަނީ… ދާން އަޔާންއާ ދިމާކޮށްލިއެވެ. ” ހަހާ… އަޔާން ހިނިގަނޑެއް ޖަހާލިއެވެ. ނޫނޭ ދާން މިހާރު މަށަކީ ކުރީގެ އަޔާންއެއް ނޫނޭ! ދާން ތިޔަވީ ކަހަލަ ގޮތެއް މަށަށްވެސްވީ.. ފުރަތަމަ ފެނިފަވެސް ހިތްދެވުނީ.. ހާދަ ރީތިއޭ.. ވަރަށް ސަޅި،،، ” ޓްރައި ކުރަމުން މިދަނީ،،، މަޅިއަށް ލަވަމުން ގެންދާތާ ދުވަސް ކޮޅެއް ވެއްޖެ، ހީވަނީ މިހާރު މަށާ ގަޔާވާހެން،، ލޯބިވާހެން،،، މަދުމަދުން ދެމީހުން ވާހަކަވެސް ދައްކަމޭ… އަޔާން ވަރަށް އުފާވެރިކަމާއެކު ކިޔައިދެމުން ދިޔައެވެ.
” ނާހަމަ ތެދެއް.. ތިޔައީ ތާރީޚުގައިވެސް ލިޔަން ރަނގަޅު ވާހަކައެއް.. އަޔާން އަށް ކަމުދާ ކަހަލަ ދީވާނާ ވާކަހަލަ އަންހެން ކުއްޖަކު ފެނުންތީ ހަމަ އަޖައިބެއް! ދައްކަބަލަ އަޅެ ފޮޓޯއެއް.. ދާން އެދުނީ އަޔާންގެ ރާނީގެ ފޮޓޯއެއް ބަލާށެވެ. ” ނޫން ފޮޓޯއެއް ނުދައްކާނަން… އަސްލަށް ދައްކާނީ.. އޭރުން ދާންއަށްވެސް އެނގޭނެ މަގޭ ރާނީގެ ހުރި ރީތިކަން،، ފަރިކަން،،، އަޔާން ކުޑަކޮށް ފޮނިކަޑާލިއެވެ. ” މިހާރު ހަމަ ޔަޤީންވެއްޖެ އަޔާންއަށް ކުއްޖަކު ދެކެ ލޯބި ވެވިއްޖެކަމަށް،، އެހެންޏާ ދުވަހަކުވެސް ތިޔަކަހަލަ ގޮތަކަށް ވާހަކަވެސް ދެއްކިމީހެއް ނޫންވިއްޔަތީ… ދާން އެހެން ބުނުމުން އަޔާން ކުޑަކޮށް ލަދުގަތެވެ. ތެދެކެވެ އޭނާއަށް އެކިޔުނީ ކީކޭ ހެއްޔެވެ؟ ވާހަކަ އެދެއްކުނީ ކޮން ގޮތަކަށް ހެއްޔެވެ؟ ”ހޫމް ހޫމް ވާނެ ވާނެ ލޯބީގަ ތިޔަހެންވެސް ވާނެޔޭ! ދާން އަޔާންއާ ދިމާކޮށްލިއެވެ.
(ނުނިމޭ)