English Edition
Dhivehi Edition
މާލޭ މާރުކޭޓު

ރާއްޖޭގެ މާކެޓުގައި އާފަލާއި އޮރެންޖުގެ އަގު އުފުލިއްޖެއެވެ.

މިގޮތުން ކުރިން ފަސް ރުފިޔާއަށް ލިބު ފެހި އާފަލުގެ އަގު ވަނީ ދިހަ ރުފިޔާއަށް އަރާފަައެވެ. އަދި ރަތް އާފަލުގެ އަގު ވަނީ އަށް ރުފިޔާއަށް އަރާފައިއެވެ. އޮރެންޖުގެ އަގު ވަނީ 13 ރުފިޔާއަށް އަރާފައެެވެ.

އާފަލުގެ އަގު މާރުކޭޓުގައި އުފުލިފައިމިވަނީ ރޯދަމަހާ ދިމާކޮށް އާންމުކޮށް ދިވެހިން ބޭނުންކާ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަމުން އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

އަސާސީ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އެސްޓީއޯ މެދުވެރިކޮށް ގެނެސް ރޯދަމަހަށް އަގުހެޔޮ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިމަހު ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި މިމަހު 10 ވަނަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން މިހާރުވެސް އަގުހެޔޮކޮށް ކާބޯތަކެތި ވިއްކަން ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރޯދަ މަސް ފެށިގެންދާއިރުގައި އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭނެ ގޮތް ގާއިމުކޮށް ފުޑް ސެކިއުރިޓީ ޔަގީންކުރުމަކީ ސަރުކާރުގެ ޕްލޭނެއް ކަމަށާއި އޭރުން ކާބޯތަކެތިގެ އަގު ދަށްވެ ކާނާގެ ޔަގީންކަން ލިބޭނެ ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.