English Edition
Dhivehi Edition

މުދާ ހަލާކުވަންދެން ބަހައްޓާ އެތަކެތި އުކާލުމަކީ އިސްރާފު ކުރުމަށް ވުރެވެސް ނުބައި ކަމެއް ކަމަށާއި އިސްރާފު ނުކުރުމަށް މިިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ޚުތުބާގައި ބުނީ ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ އިސްރާފު ކުރުން ކަމަށާއި އެއީ އިސްލާމް ދީނުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި މުސްލިމުންގެ ގޮތަކީ ހައްގު ގޮތުގައި މުދާ އެއްކޮށް، ބޭނުންތެރި ކަންކަމަށް ހޭދަކުރުން ކަމަށެވެ.

މީގެ އިތުރުން މިއަދު އިސްރާފު ކުރަނީ ހަމައެކަނި މުއްސަނދިން ނޫން ކަމަށާއި އަތްމަތި ދަތި މީހުން ވެސް ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުރުމަށް ދަރަނި ނަގަމުންދާ ކަމަށާއި އެއީ ޒަމާނާއެކު ތަނަވަސް މީހުންނާ ފައިހަމަކުރުމުގެ ބަހަނާގައި ކަމަށް ޚުތުބާގައި ވެއެވެ. އަދި މުސްލިމުންނަކީ ލިބޭ އެއްޗަކުން ފުއްދައިގެން ދިރުއުޅޭ ބައެއްކަން ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

ޚުތުބާގައި ވަނީ މާތްﷲ ދެއްވާފައުވާ ތަނަވަސްކަމުން އިސްރާފު ކުރުމުގެ ބަދަލުގައި ދީލަތިވުމަށާއި ނިކަމެތީންނަށް ހެޔޮފޯރުވުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ.

“އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއް. އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީގޮތުން ފަރުދުންނާއި މުޖުތަމައަށް ފޯރާނެ. ކީރިތި ރަސޫލާގެ އިރުޝާދަށް ތަބާވެ، އިސްރާފު ނުވާގޮތަށް ކެއުމާއި ބުއިމުގެ ކަންތައްތައް ހަމަޖެއްސިދާނެ.” ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްގު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީ ވެސް އިސްރާފެއް ކަމަށާއި ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދަލާއި ކާބޯތަކެތި އުކާނުލާ އެތަކެތި ބޭނުން ކުރުމަށް އިސްލާމް ދީންބާރު އަޅާ ކަމަށެވެ.

ރަމަޟާން މަހަކީ ޘަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެއް ކަމަށާއި ހެޔޮކަމާއި ދަރުމައިގެ ފޯވައްސެއް ކަމަށް ވެސް ޚުތުބާގައި ވެއެވެ. އެހެންނަމަވެސް ބައެއް މުސްލިމުންގެ ތެރޭގައި އެމަސް ވެފައިވަނީ ކާބޯތަކެތިން އިސްރާފުކުރުން ގިނަ، އަދި ގިނަ ބާވަތުގެ ކާބޯތަކެތި ތައްޔާރުކޮށް، އުކާލާ މަހެއްގެ ގޮތުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.