English Edition
Dhivehi Edition

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލިކަން އެ މައްސަލާގައި ދައުވާލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ޤާސިމަށް، އަދުހަމް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީއަށް އެރުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން ނެވެ.

މި މައްސަލާގައި އަދުހަމް ވަނީ ކުށަށް ޢިއުތިރާފުވުމަށްފަހު،، ފަހުން ބޭއްވި ޝަރީއަތްތަކުގައި ޤާސިމަށް ހަމަލާދިނީ މަސްތުގެ ހަލާތުގައިހުރެ ގަސްތުގައި ނޫންކަމަށް ބުނެފަ އެވެ.

މިމައްސަލާގައި ހުކުމް އިއްވަމުން ޤާސީ ނަދީމް ވިދާޅުވީ، ޤާސިމް ޙަސަން މަރާލި ސަރަޙައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީ.އެން.އޭ ފެނިފައިވާތީ ވަޅި ހެރިކަމައިމެދު އެއްވެސް ޝައްކެތް ނެތްމިންވަރަށް ޔަޤީން ވެފައިކަމަށެވެ. އަދި ވަޅީގެ މައްސަލާގައި އަދުހަމް އެކިފަހަރު އެކި ގޮތަށް ވާހަކަ ދެއްކިޔަސް، ވަޅި ހެރިކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

ޤާސިމް މަރާލުމުގައި އަދުހަމް ޤާސިމްގެ ކަރަށް ވަޅި ހަރާފައިވަނީ ގަސްތުގައި މީހަކު މަރާލުމުގެ ނިޔަތުގައި ނޫންކަމަށް ބުނި ނަމަވެސް އޭނާގެ އަމަލުތަކުންނާއި ވަޅިހެރުމަށްފަހު، ކުށުގެ ވެށިން ފިލުމަށް ކުރި މަސައްކަތުންވެސް މިއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއްކަން ހާމަވާކަމަށެވެ. އޭނާހުރީ މަސްތުގެ ހާލަތުގައި ކަމަށް ބުނި ނަމަވެސް އޭނާ އެވަގުތު ހުރީ އޭނާ ކުރި ޢަމަލުގެ ނަތީޖާ ނުވިސްނޭ ހާލަތުގައި ނޫންކަމަށްވެސް އަދުހަމަށް ހުކުމް އިއްވަމުން ޤާޒީ ވިދާޅުވިއެވެ.

އަދި ހަމަ މިއާއިއެކު ޤާސިމްގެ މަރާއި ގުޅިގެން ހެދި މެޑިކަލް ރިޕޯޓާއި، އަދި ލީގަލް ރިޕޯޓާއިމެދުވެސް އަދުހަމް ސުވާލު އުފައްދާފައިނުވާކަން ގާޒީ ފާހަގަކުރެއްވިއެވެ. ކޮންމެ މީހަކީވެސް ދިރިހުރުމުގެ ޙައްޤު ލިބިގެންވާ މީހަކަށްވާއިރު އެއްވެސް މީހެއްގެ ލޭހުއްދަކޮށް މަރާލުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫންކަމަށްވެސް ޤާޒީ ވިދާޅުވިއެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިޔަސް، އޭނާގެ އަބަދު ކަނޑައަޅާނީ ޤާސިމްގެ ވާރިސުންގެ ބަހެއް ހޯދުމަށްފަހުއެވެ. ޝަރީއަތުގައި ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. ޤާސިމްގެ ވާރިސުންގެ ގޮތުގައި ފަސް މީހަކު އެބަތިއްބެވެ.

1 ކޮމެންޓް
ސަޢީދު
މާޗް 20, 2023
ވާރިސުންއެއްބަސްވާނަމަ މަރަން ހުކުންކުރާނެބާ އަދި ނުމަރާނަމަ ނުމަރަންވީ އިސްލާމީޝަރީއަތްގަބޫލުނުކުރަނީތޯ ދެން ބުނާނީ ގާނޫނުހުއްދަނުކުރަނީއޭ އިސްލާމީޝަރީއަތާފުށުއަރާ ގާނޫނެއްނަމައެއީބާތިކްއެއްޗެކަންވެސްގާނޫނުގައިވޭ