English Edition
Dhivehi Edition
އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް - ފޮޓޯ: ޕީ.އެސް.އެމް ނިއުސް

މި ސަރުކާރުން އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދިގައި 100 މިލިއަން ރުފިޔާ ހިފެހެއްޓިފައިވާކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ތަރައްގީކުރި ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވުނު ގިނަ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. މި ގޮތުން ރާއްޖޭގެ އިގްތިސޯދުގައި 100 މިލިއަން ރުފިޔާ ހިފެހެއްޓިފައިވާކަން ފާހަގަކޮށް އާދަމް އާޒިމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ތަސައްވުރެއް ނެތްނަމަ މި ފައިސާއަކީ ބޭރު ކުންފުނިތަކުން ރާއްޖޭގެ އިގްތިސޯދުން ބޭރުކުރާނެ ފައިސާ ކަމަށެވެ.

ފަރެސްމާތޮޑާނ އެއާޕޯޓަކީ ތާރީހީ އެއާޕޯޓެއްކަން ފާހަގަކުރައްވާ އާދަމް އާޒިމް ވިދާޅުވީ އެ އެއާޕޯޓަކީ ފަރެސްމާތޮޑާ ސަރަހައްދުގެ ފަސް ފަޅު ރަށް ހިއްކައިގެން ހަދާފައިވާ އެއާޕޯޓެއް ކަމަށެވެ. އަދި މި އެއާޕޯޓްގެ ރަންވޭގެ މަސައްކަތްވެސް ޖުލައި މަހުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެ ކުރިއަށް ގެންދާ އެއާޕޯޓް ހެދުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އާދަމް އާޒިމް ވިދާޅުވީ އަންނަ އެޕްރީލްމަހުގެ ތެރޭގައި މުލީ އެއާޕޯޓުގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި މި އަހަރު ޖޫންމަހުގެ ތެރޭގައި ފ.މަގޫދޫ އެއާޕޯޓް ރަންވޭގައި ތާރު އަޅަން ފަށާއިރު އަލިފުށީ އެއާޕޯޓްގައި ތާރު އެޅުމުގެ މަސައްކަތް އަންނަ އޮގަސްޓްމަހު ފެށިގެން ދާނެކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީ އިން މަސައްކަތްކުރަމުން ދަނީ މި ދައުރުގެ ތެރޭގައި އެ ތިން އެއާޕޯޓްގެ މަސައްކަތްވެސް ނިންމުމަށް ކަމަށެވެ.

މީގެ އިތުރުން އާދަމް އާޒިމްވަނީ މި ދައުރުގައި އެމްޓީސީސީ އިން ކޮންމެ 11 ދުވަހަކުން ޕްރޮޖެކްޓެއް ނިންމާކަން ފާހަގަކޮށްފައެވެ. އެ ގޮތުން މި ދައުރުގައި އެމްޓީސީސީ އިން 140 ޕްރޮޖެކްޓް ނިންމާފައިވާކަމަށް އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.