English Edition
Dhivehi Edition

އެމް.އެން.ޕީ. ގެ ސަރުކާރެއްގައި، ބޯހިޔާވަހިިކަމުގެ ހާސްކަން ފިލުވައިދީ، އެ މައްސަލަ ޙައްލުކޮށްގެން ޒުވާނުންނަށް އުފާވެރިކަން ހޯއްދަވައިދެއްވާނެކަމުގެ އުއްމީދާ ޔަޤީންކަން ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ދެއްވައިފި އެވެ.

މުޙައްމަދު ނާޒިމް މިކަން ހާމަކުރެއްވީ، “ނުއިވޭ އަޑުތައް” މި ނަމުގައި އެމް.އެން.ޕީ. އިން ރޭ ފެށި ޓައުން ހޯލް ޑިސްކަޝަން ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނެވެ.

“އުފާވެރި ޒުވާނާ”ގެ ނަމުގައި ބޭއްވުނު، މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ޒުވާނުންނަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި އެންމެ ކަންބޮޑުވާ އެއްމައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ އަޞްލަށް ރުޖޫޢަވާންޖެހޭ ކަމުގަ އެވެ. އެހެންކަމުން ޢުމުރުން 18 އަހަރުވުމާއެކު އެމީހަކަށް ގޯތިގެެދޮރުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ބޯހިޔާވަހިކަމަށް ޝަރުޠުހަމަވާނެކަމުގަ އެވެ.

މާލެއާއި އަތޮޅުތެރޭގައިވެސް ދިމާވެފައިވާ، އެއްގެއެއްގައި ޢާއިލާގެ ގިނަ ބަޔަކު ތޮއްޖެހި އުޅެންޖެހުމުން ދިމާވާ އިޖްތިމާޢީ އަދި ޢާއިލީ މައްސަލަތައް ޙައްލުކުރާނެ ގޮތުގެ އިތުރު ތަފްޞީލު ދެއްވަމުން ނާޒިމް ވިދާޅުވީ އަލަތު ކައިވެންޏާ ހިސާބުން ފެށިގެން، ދަރިން ލިބި ޢާއިލާ ބޮޑުވަމުންދާ ވަރަކަށް ބޯހިޔާވަހިކަމަށް ޙައްލު ހޯދޭނެ މަގުތައް ނާޒިމް ސާފުކޮށްދެއްވި އެވެ.

އެގޮތުން 1200 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭނެ ކަމަށާއި، ދަރިން ލިބި، ދަރިން ބޮޑުވަމުން ގޮސް، ޢާއިލާއާ އެކަށީގެންވާ އެޕާޓްމަންޓެއް ބޭނުންވުމުން، އެފަދަ އެޕާޓްމަންޓަކަށް ބަދަލުކުރުމުގެ ފުރުޞަތު ލިބޭގޮތަށް ހަމަޖައްސަވާނެ ކަމުގައެވެ.

މީގެ އިތުރުން ގޯތިގެދޮރު ބިނާކުރުމަށް އިންޓަރަސްޓް-ފްރީ ލޯނު ލިބޭނެ އިންތިޒާމްތަކާއި، ކުލިދެއްކުމުގައި ދަތިކަން ހުންނަ ޢާއިލާތަކަށް ރެންޓް ސަޕޯޓްދޭ ނިޒާމެއް ވެސް ހަމަޖައްސަވާނެކަމުގެ ޔަޤީންކަންވެސް ނާޒިމް ދެއްވިއެވެ. އަދި ނާޒިމް ވިދާޅުވީ، މިފަދަ ހުރިހާކަމެއް ގުޅިފައިވަނީ ރައްޔިތުންގެ ފުދުންތެރިކަމާއެވެ.

އެހެންކަމުން އެމް.އެން.ޕީ ގެ ޝިއާރަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުން ކަމަށް ވާތީ، މި ސިޔާސަތުތަކުގެ ސަބަބުން ފުދުންތެރި ރައްޔިތަކަށް މަގުފަހިވާނެކަމުގަ އެވެ.

ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ އެސިޔާސަތު ސަބަބުން އިޖުތިމާއީ އަދި އާއިލާ މައްސަލަ މަދުވެ، އާއިލީ ގުޅުން ހަރުދަނާވެ، އާއިލާތަކަށް އުފާވެރިކަން ގެނުވާނެކަމުގަ އެވެ. އޭރުން ޢާއިލީ މައްސަލަތަކާހެދި ޒުވާނުން ކުށްތަކަށް އަރައިގަންނަ މިންވަރު މަދުވެ ޒުވާނުންނަކީ ރަނގަޅު ހަރުދަނާ ބަޔަކަށް ހެދޭނެ މަގު ފަހިކުރެވޭ ކަމެއްކަމުގައި އެކަންވެސް ވާނެކަމުގަ އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އިން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ހާމަކޮށްފަ އެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރަމަތިލައްވައި ޕްރައިމަރީ ކާމިޔާބުކުރައްވާފައިވަނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް އެވެ.

1 ކޮމެންޓް
އިފާ ޝަރީފް
މާޗް 14, 2023
އަހަރެންގެ ވޯޓް މިފަހަރު އޮތީ ނާޒިމްއަށް Nazim2023