English Edition
Dhivehi Edition
ފޮޓޯ: ފަރެސްމާތޮޑާ އެއަރޕޯޓު އެފްބީ

ޤައުމީ އެއަރލައިނުން ފަރެސްމާތޮޑާ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން ނިންމާ، އަގުތައް ހާމަކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނީ ފަރެސްމާތޮޑާ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނީ މި މަހުގެ 26 ވާ އާދީއްތަ ދުވަހު ކަމަށެވެ.

ޕްރޮމޯޝަނަލް ދެ ފްލައިޓު މިމަހުގެ 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އެ ފްލައިޓުތަކަށް ބުކިންގސް ހެދުމަށް މިހާރުހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ދެ ދުވަހުގެ ފްލައިޓުގެ ޓިކެޓުން 50 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ އެ ދަތުރުތަކުގެ އެއްކޮޅު ޓިކެޓު 1،574 ރުފިޔާ އަށް ލިބޭނެ ކަމަށެވެ. އަދި ޝެޑިއުލް ދަތުރުތައް ފެށުމުން ފަރެސްމާތޮޑާ އެއްކޮޅު ޓިކެޓުގެ އަގަކީ 1،624 ރުފިޔާ ކަމަށެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމަށް ނިންމާފައިވަނީ މިއަދު ހަވީރު އެވެ. އެއީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެވެ.

މި ބޯޓު މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 3:50 ހާއިރު އެވެ. އަދި ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާނެކަމަށް ލަފާކުރެވެނީ ހަވީރު 5:05 ގަ އެވެ.

މި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް މިހާރު ތާވަލުކޮށްފައިވަނީ މި މާރޗު މަހުގެ 15 ވާ ބުދަ ދުވަހު އެވެ. އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު އެވެ.