English Edition
Dhivehi Edition
ފޮޓޯ: ފަރެސްމާތޮޑާ އެއަރޕޯޓު އެފްބީ

ގދ. ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީކުރި އެއަރޕޯޓަށް ޓެސްޓް ފްލައިޓު މިއަދު ހަވީރު ޖައްސާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ޓެސްޓު ފްލައިޓު ޖައްސާނީ މިއަދު ހަވީރު 5 ޖަހާއިރު ކަމަށެވެ. އަދި ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާނީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެއް ކަމަށެވެ.

މި ބޯޓު މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 3:50 ހާއިރު ކަމަށާއި ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާނެކަމަށް ލަފާކުރެވެނީ ހަވީރު 5:05 ގައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް މިހާރު ތާވަލުކޮށްފައިވަނީ މި މާރިޗު މަހުގެ 15 ވާ ބުދަ ދުވަހު ކަމަށާއި އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހު ކަމަށް ވެސް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ އެއަރޕޯޓް ހުޅުވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށއި އެގޮތުން އެއަރޕޯޓްގެ އިންތިޒާމްތައް ފުރިހަމަކުރުމާއި، އަދި ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ސަރުކާރުން އަތޮޅުތަކުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ތަފާތު ޑިޒައިނަށް ފަރުމާކޮށްފައިވާ އެންމެ ހިތްގައިމު ޓަރމިނަލަކީ ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލް ކަމަށްވާއިރު، ޓަމިނަލްގ އެތެރެވެސް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ރީތި ފަރުމާ އަކަށެވެ.

މިއީ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. އުދުހުންތަކަށް ޚާއްސަ މި އެއަރޕޯޓުގެ 1200 މީޓަރުގެ ރަންވޭއަކީ، ރޭގަނޑުވެސް ރަށަށް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. އަދި އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ފަޔަރ ބިލްޑިންގ ގެ ހުރިހާ މަސައްކަތްތައް ވެސް މިހާރުވަނީ ނިންމާފަ އެވެ.

ފަރެސްމާތޮޅާ ފަޅުތެރޭގައި އޮތް ކުދި ރަށްތަކެއް ހިއްކާ ގުޅުވާލައިގެން ތަރައްގީ ކޮށްފައިވާ އެއަރޕޯޓް ފަރެސްމާތޮޑާއާއި ގުޅުވާލާނީ ކޯސްވޭއަކުން ނެވެ. މި މަސައްކަތްވެސް ކުރިއަށްގެންދަނީ، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިޔަ އެމްޓީސީސީން ނެވެ.

އެހެންނަމަވެސް އެއަރޕޯޓް ހުޅުވާއިރު ކޯޒްވޭގެ މަސައްކަތް ނުނިމުނު ނަމަވެސް، ވަގުތީގޮތުން ރަށުން އެއަރޕޯޓަށް ދަތުރުކުރެވޭނެ މަގެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ. އެމްޓީސީސީން ބުނީ އެއަރޕޯޓާއި ރަށާއި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އެމްޓީސީސީން ވަނީ އެހެން ރަށްތަކާއި ރިސޯޓްތަކުން ޚިދުމަތް ހޯދުމަށް އެއަރޕޯޓަށް ދަތުރުކުރާ މީހުން ބޭނުންކުރުމަށް އެއަރޕޯޓްގައި ބަނދަރެއް ވަނީ ހަދާފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢުއަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.