ސިޔާސީ ދާއިރާއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އަންހެނުން އަދިވެސް މިއުޅެނީ ވަރަށް ފަހަތުގައި ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެމްޑިޕީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ނެރުނު ނޫސް ބަޔާނުގަ އެވެ.
ނޫސް ބަޔާނުގައި ބުނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ އަންހެނުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް އުފާފާޅުކުރުމާއި، އަންހެނުންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ހައްލު ހޯދަން މަސައްކަތްކުރުން ކަމަށެވެ.
ޤައުމެއްގެ ހައިސިއްޔަތުން ބަލާއިރު، ތަޢުލީމީ ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑަށް ހަމަހަމަކަން މި ރާއްޖޭގައި ޤާއިމްކުރެވިފައިއޮތް އެއްދާއިރާ ކަމަށާއި އަދި މިދާއިރާއިން އަންހެނުންދަނީ ގިނަގުނަ ކާމިޔާބީތައް ހޯދަމުން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އެހެންނަމަވެސް އެހެން ދާއިރާތަކަށް ބަލާއިރު، ޚާއްސަކޮށް ސިޔާސީ ދާއިރާއާއި އިޤްތިސާދީ ދާއިރާއަށް ބަލާއިރު އަންހެނުން އަދިވެސް މިއުޅެނީ ވަރަށް ފަހަތުގައި ކަމަށާއި ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކަށް ބަލާއިރު، ކަރުދާހުގައި ހުންނަ އަކުރުތަކުން، އަންހެނުންނާއި ފިރިހެނުންނަށް ސިޔާސީ ދާއިރާގައި ވެސް ހަމަހަމަ ފުރުސަތުތައް އޮންނަ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް އެޤާނޫނުތަކަށް އަމަލުކުރުމަށްފަހު ނިކުންނަ ނަތީޖާއިން ގިނަފަހަރު އެ ހަމަހަމަކަމެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
“މިސާލަކަށް ބަލާއިރު، އިންތިހާބުތަކަށް ކުރިމަތިލުމުގައި އެއް ފުރުސަތުތަކެއް އެންމެންނަށްވެސް ޤާނޫނީ ގޮތުން އެބަލިބޭ. ނަމަވެސް ނަތީޖާއަށް ބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައިވެސް 87 މެމްބަރުންގެ ތެރޭގައި ތިބީ އެންމެ 4 އަންހެނުން. އަދި ކައުންސިލްތަކުގެ އިންތިހާބުތަކުންވެސް 2021 ވަނަ އަހަރުގެ ކުރިން ފެނިގެން ދިޔައީ ހަމަ މިމަންޒަރު.” ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ މިސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށްޓަކައި ރަގަޅު މަސައްކަތްތަކެއް ކޮށްފި ކަމަށާއި އެގޮތުން ކެބިނެޓާއި ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިބި އަންހެނުންގެ އަދަދު އިތުރުވެއްޖެ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް ގިނަ އަންހެނުންތަކެއް އައްޔަން ކުރެވިއްޖެ ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓަށާއި، ޖިނާއީ ކޯޓަށްވެސް އަލަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެވިފައިވާ ކަމަށާއި ޚާއްސަ ގޮތެއްގައި ކައުންސިލްތަކުގައި އަންހެނުންނަށް ޤާނޫނީ ގޮތުން ދެވުނު 33 ޕަސަންޓުގެ ކޯޓާއަކީ ކައުންސިލަރުންގެ ގޮތުގައި ތިބޭ އަންހެނުންނާއި ފިރިހެނުންގެ އަދަދަށް ވަރަށް ބޮޑު ހަމަހަމަ ކަމެއްގެނުވައިދިން ބަދަލެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އިޤްތިސާދީ ރޮނގުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ޤާނޫނުގަ އޮތް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން، އިތުރުއެހީތެރިކަން އަންހެނުންނަށް އެބަބޭނުންވާ ކަމަށާއި އިޤްތިސާދީގޮތުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އެބަދާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
އެގޮތުން އަންހެނުން ވިޔަފާރިކުރުމަށް ހާއްސަކުރެވިގެން ލޯނު ދޫކުރެވި، ތަމްރީން ޕްރޮގްރާމްތައް ހިންގުން ފަދަކަންކަން ހިމެނޭ ކަމަށާއި ނަމަވެސް އިޤްތިސާދީގޮތުން ކުރިއެރުމަށްވެސް އަދަދުނުކުރެވޭހާ ގިނަ ގޮންޖެހުންތައް އަންހެނުންނަށް ހުރިކަން ފާހަގަވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުންދޭ ވިހެއުމުގެ ޗުއްޓީ ޕްރައިވެޓް ސެކްޓަރގައި އަދިވެސް ނުލިބުމާއި ވަޒީފާ އަދާ ކުރާ އަންހެނުންނަށް ކޮންމެހެންވެސް ބޭނުންވާ ޑޭކެއަރ ސެންޓަރުތައް އެކަށީގެންވާ ވަރާ ގާތަށްވެސް ނެތުމާއި ނުރަސްމީ މަސައްކަތުގެ ދާއިރާގައި އުޅޭ އަންހެނުންނަށް ލޯނު ހޯދުމުގައި ހުރި ދަތިތައް ފަދަ އެތައް ގޮންޖެހުންތަކަކާ އަންހެނުން ކުރިމަތިލާން އެބަޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.
މިކަންކަން ހައްލުކުރުމަށް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން ހާއްސަ އެހީތެރިކަމެއް އަންހެނުންނަށް ބޭނުންވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.