English Edition
Dhivehi Edition
ރޯވި އާގަލާ ބޯޓު އަނދަމުންދަނީ، މި ބޯޓު މިހާރުވަނީ އަޑިއަށް ގޮސްފައި. ފޮޓޯ: އެމްއެންޑީއެފް

މާރިޗު މަހުގެ 6 ވަނަ ދުވަހުގެރެ މ.ތުވަރުގެ ކައިރިން ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވެ އަޑިއަށް ގޮސްފައިވާ “އާގަލާ” ބޯޓުގައި ހުރި ބައެއް މުދަލާއި ބޮޓުގެ ބައިތައް ފެންމައްޗަށް އަރާ އޮޔާދާތީ އެކަމަށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ކޯސްޓުގާޑުން އިލްތިމާސްކުރައްވައިފިއެވެ.

“މިތަކެތި އޮޔާ ދަނީ މ. އަތޮޅުކައިރިން އުތުރަށް. ވީމާ މި ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަން.” ކޯސްޓްގާޑުން ބުންޏެވެ.

މީގެ އިތުރުން ކޯސްޓުގާޑުން ވަނީ ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ. މާލެ އަށް ދަތުކުރަމުންދިޔަ އާގަލާ ބޯޓުގައި އަލިފާން ރޯވި އިރު އެބޯޓުގައި 15 މީހުން ތިއްބެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ 5 މީހަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 5 މީހެއްގެ އިތުރުން 5 ދިވެހިންނެވެ. އާގަލާ ބޯޓުން ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެއީ އެބޯޓުގެ 10 ފަޅުވެރިންނާއި ބޯޓުން ދަތުރު ކުރަމުން ދިޔަ 5 ފަސިންޖަރުންނެވެ.

ބޯޓުގައި އަލިފާން ރޯވުމާއި އެއްކޮށް ބޯޓުގައި ތިބި އެންމެން ކަނޑަށް ފުންމާލައިފައިވާއިރު އެކަކު ފިޔަވާ އެންމެން މިހާރުވަނީ ސަލާމަތްކުރެވިފައެވެ. އަދި ގެއްލިގެން ހޯދައި ނުފެނިފައިވާ މީހާ މިހާރުވެސް ހޯދަމުން އަންނަ ކަމަށް ކޯސްޓުގާޑުންވަނީ މައުލޫމާތުދީފައެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި އާގަލާ ބޯޓުގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ މާރިޗު މަހުގެ 6 ވަނަ ދުވަހުގެ ދަންވަރު 2:47 ގައެވެ. ބޯޓުގައި ރޯވި އަލިފާންގަނޑު ފެތުރި މާރިޗު މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 8:20 ހާއިރު ބޯޓު އެއްކޮށް އަޑިއަށް ގޮސްފައިވާއިރު މިހާދިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު 5 މިލިއަނަށް ވުރެން މަތިވާނެ ކަމަށް ލަފާކުރެވެއެވެ.