ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ތަފާތު އައްޑޫ ސިޓީއެއް ރައްޔިތުންނަށް ފެންނާނެ ކަމުގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކުރުމަށް ހ. މީރުމާގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، އައްޑޫ އަކީ ތަރައްގީގެ ގޮތުން ދެކެވޭ ވާހަކަތަކުގައި ކުލަ ނުޖެހި އޮތް ސިޓީއެއް ކަމަށާއި ނަމަވެސް، މިއަދު ހާލަތު ބަދަލުވެފައި ވާކަމަށެވެ.
އައްޑޫގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި އެ ސިޓީގެ މަގު ހެދުމުގެ ބިޔަ މަޝްރޫއު އާއި ފެން ހިންދާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު އާއި ބިން ހިއްކުމާއި ބިން ހިއްކުމުގެ ތެރެއިން އުފެދޭ ފަސް ރަށް ހިމެނެއެވެ. ނިޒާރު ވިދާޅުވި މި މަޝްރޫއުތަކުގެ އިތުރުން އައްޑޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
“އަޅުގަނޑު އެދެން ތި ބޭފުޅުން މިހާރު ވަޑައިގެން ބައްލަވާފައި އަދި ހަ މަސް ދުވަހުން ވަޑައިގަންނަވަން. އައްޑޫ ފެންނާނީ ފެންނާނީ ތަފާތުކޮށް.” ނިޒާރު ވިދާޅުވިއެވެ.
އިގްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް އައްޑޫ ރައްޔިތުން ހެދުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މޭޔަރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫ ރައްޔިތުން އަމިއްލައަށް ހޯދާ ފައިސާ އަމިއްލަ ޖީބަށް ލެވޭ ފަދަ މިނިވަން އިގްތިޞާދެއް ބިނާކުރުން ކަމަށެވެ.
މޭޔަރ ވިދާޅުވީ ސަރުކާރަކުން ތަރައްގީ އަށް ލިބުނު ދެ އަހަރުގެ ތެރޭގައި ކުރެވޭނީ މި ވަރުކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރަން ރައީސް ސޯލިހަށް 4 އަހަރެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
“އައްޑޫގައި ރާއްޖޭގައި ހުރި ހުރިހާ އެއްޗެއް އެބަހުރި. އަޅުގަނޑުމެންގެ އެބަހުރި ޕޮލިޓިކަލް ހިސްޓޮރީއެއް. ދީނީ ގޮތުން ކިޔައިދޭނެ ސަގާފަތެއް، ވާހަކައެއް އެބައޮތް. ދައްކާނެ މަންޒަރުތައް އެބަހުރި. ރާއްޖޭގެ އެހެން ރަށަކުން ނުފެންނާނެ ވެއްޓެއް އެބަ އޮތް. އަދި ރާއްޖޭގެ އެއްވެސް ތަނަކުން ނުފެންނާނެހާ ބޮޑު ބިމެއް އެބަ އޮތް. އެޓްރެކްޓިވް ޑައިވް ޕޮއިންޓްސް އެބަ ހުރި. އައްޑޫ އަކީ ޓުއަރިޒަމަށް މިރާއްޖޭގެ އެންމެ މުސްތަގުބަލް އޮތް ތަންކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،” މޭޔަރު ވިދާޅުވިއެވެ.