English Edition
Dhivehi Edition

މިދިޔަމަހު ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ޙާލުގައި ޖެހުނު ތުރުކީގެ ރައްޔިތުނަށް އެހީވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ފޮނުވާ އެހީގެ ފުރަތަމަ ޝިޕްމަންޓް އެޤައުމަށް ފޮނުވައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީއާއި ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަަށް އެހީވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ 1 މިލިއަން މަސްދަޅު ހަދިޔާ ކުރުމަށް ނިންމާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ތުރުކީ ރައްޔިތުންނަށް ފޮނުވުމަށް ހަމަޖެހިފައިވާ 5 ލައްކަ މަސްދަޅު ފޮނުވުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމަށެވެ. މި 5 ލައްކަ މަސްދަޅު އެޤައުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 5 ޝިޕްމަންޓަކަށް ބަހާލައިގެންކަމަށާއި މި ޝިޕްމަންޓްތައް ތުރުކީއަށް ފޮނުވުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ތުރުކީއަށް ފޮނުވާ އެހީ އެޤައުމަށް ގެންދަނީ ތުރުކީގެ ޤައުމީ އެއަރލައިން، ޓަރކިޝް އެއަރލައިނުންނެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެހީ ޙަވާލުކޮށްދެއްވީ ފޮރިން ސެކެޓްރީ، އަޙްމަދު ލަތީފްއެވެ.

ތުރުކީއާއި ސީރިއާގެ ބޯޑަރު ގުޅޭ ސަރަޙައްދަށް އައި ބިންހެލުންތަކުގައި ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ބައެއްގެ ގެދޮރު ގެއްލި، އެތައް ހާސް ބަޔަކު މަގުމަތިވެފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތުރުކީއާއި ސޫރިޔާއަށް އެހީވަމުންނެވެ.

ޓެގު