އެމްޑީޕީ ތެރެއިން ބާއްވާ ޕްރައިމަރީތަކުން މޮޅުވާ މީހެއްގެ ފަހަތަށް އެންމެން އަރަންޖެހޭކަމަށާއި، ފާޓީ ތެރެއިން ވަކި ފެކްޝަން ހަދައިގެން ކަން ކުރެވިގެންނުވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ތ. ހިރިލަންދޫގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރު އަސްލަމް ވިދާޅުވީ އެމްޑީޕީގެ މި ވެރިކަން ގެއްލުވާލަން މަސައްކަތްކުރާ ބަޔަކީ ޕާޓީއަށްވެސް އަދި ގައުމަށްވެސް ހެޔޮއެދޭ ބައެއް ނޫން ކަމަށެވެ.
“މިހާތަނަށްވެސް އެމްޑީޕީ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ ވަކި މީހެއްގެ ފަހަތުން އުޅެން ނުޖެހި، ޕާޓީގެ ހުރިހާ ގުނަވަންތަކެއް ހަމަކޮށް ޕާޓީއެއްގެ ގޮތުގައި އޮތުމުން . އެމްޑީޕީ އުފެދި އެތައް އަހަރެއް ވެގެންދާއިރު ހަރު ޕާޓީއަކަށް ވާންޖެހޭ. މީގެއިތުރުން ޕްރައިމަރީއިން މޮޅުވާ މީހެއްގެ ފަހަތަށް ޕާޓީގެ އެންމެން އަރަންޖެހޭ ” އަސްލަމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ވަކި ފެކްޝަނެއް އުފައްދައިގެން މި ވެރިކަން ގެއްލުވާލިޔަސް ޕާޓީގައި ނުހުންނަވާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރުމަށް ބޭއްވި އެތެރޭގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާދަކުރައްވާފައެވެ. އަދި ރައީސް ޞާލިހު މި އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު އެމްޑީޕީ ތެރޭގައި ވަނީ ބައިބައިވުން އުފެދިފައެވެ.