English Edition
Dhivehi Edition

ރާއްޖޭގެ ވެރިކަމުގެ ބޭނުމުގައި އެމްޑީޕީ އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެކު ހަދާނެ ޑީލެއް ނެތް ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ “ނާޒިމް ބުނަނީ ކީކޭ؟” ގެ ނަމުގައި އެމްއެންޕީން ރޭ ބޭއްވި ކްލަބް ހައުސް އިވެންޓުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ އިން ވާދަކުރައްވާ ކެންޑިޑޭޓު ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ވަކި އުޞޫލުތަކެއް ހިފަހައްޓާ ޕާޓީއެއް ކަމަށެވެ.

އެމްޑީޕީގެ މައިގަނޑު ސިޔާސަތުތަކާއި އެމްއެންޕީގެ ސިޔާސަތުތައް ދިމާނުވާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެހެންކަމުން، ވެރިކަމުގެ ބޭނުމުގައި ޤައުމީ ބޮޑެތި މައްސަލަތަކުގައި ޤައުމަށް ގެއްލުންވާނޭ ފަދަ ސިޔާސަތެއްގައި ބައިވެރިނުވާނޭ ކަމަށެވެ.

އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ހިނގައްޖެނަމަ، އެމް.އެން.ޕީ. ގެ ސިޔާސަތުތަކާ އެކީ މަސައްކަތް ކުރާން ތިބި ބަޔަކާއެކީ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނޭ ކަމަށާއި ޤައުމުގެ މިނިވަންކަމަށާއި ރައްކާތެރިކަމަށް ގެއްލުންވާ ވަރުގެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނޭ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ވަކިވެ، ސިޔާސީ ޕާޓީއެއް ޖޭޕީ ސަރުކާރުގެ ކޯލިޝަންގައި އޮތުމުން ސަރުކާރުން ކިތަންމެ ގޯހެއް ހެދިޔަސް، އެއްޗެއް ބުނެވެން ނޯންނާތީކަމަށް ވެސް ނާޒިމް ރޭ ވިދާޅުވިއެވެ.