English Edition
Dhivehi Edition

ހަނގާކުރުން ހުއްޓުވޭނީ މުޖުތަމަޢުގެ ހުރިހާފަރާތްތަކަކުން އެއްބާރުލުންދީގެން ކަމަށާ، މިފަދަކަންކަން ހުއްޓުވުމުގެ މަސައްކަތް ސްކޫލުތަކުގެ ތެރެއިން ފެށުމަކީ އެންމެ ރަނގަޅުގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، “ސްމައިލްއޮން” ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ދުރުހެލި ވުމަށާއި، ރައްކާތެރިވުމަށް ސްކޫލުތަކުގައި ހިންގާ ހަރަކާތްތައް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު ވިލިމާލޭގައި ހުންނަ، މުޙްޔިއްދީން ސްކޫލުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ހަނގާކުރުން ހުއްޓުވުމަށްޓަކައި ކޮންމެ މީހަކީވެސް އަޚުލާޤީ ރީތި ނަމޫނާ ދައްކާ މީހަކަށް ވާންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނީ އެމައްސަލަތައް ހުރިކަން ޤަބޫލުކުރެވިގެން ކަމަށެވެ. މިގޮތުން ހަނގާކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްކޫލް ދަރިވަރުން ހަނގާކުރުމުން ރައްކާތެރިކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސްކޫލުތަކުގެ އިސްދަރިވަރުން މިކަމުގައި އިސްވެ ހަރަކާތްތެރިވާކަމީ އުއްމީދު އާވެގެންދާ ކަމެއް ކަމަށެވެ. ހަނގާކުރުމަކީ ހަމައެކަނި ސްކޫލު މާހައުލުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކުން ހުއްޓުވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ހަނގާކުރުން ހުއްޓުވުމުގައި އެއްބާރުލުންދީ، މުޖުތަމަޢުގެ އެންމެން މަސައްކަތް ކުރުމަށް އެދިވަޑައިގެން އެކަމަށް އިލްތިމާސްކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވަނީ، ހަނގާކުރުމަށް ހޭލުންތެރިކުރުމާއި ގުޅޭ ގޮތުން އިނގިރޭސި ބަހުން ލިޔެފައިވާ ޅެމުގެ ރަމްޒީ ފިލައެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ. ޅެމުގެ މިރަމްޒީ ފިލާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އެރުވީ ޅެން ހުށައަޅައިދިން، ކަލާފާނު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން ޢައިޝަތު އަލާނިޔާ އިސްމާޢީލެވެ.

މިޖަލްސާއަށްފަހުގައި، ހަނގާކުރުމުން ރައްކާތެރިކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ޕްލެޖް ވޯލްގައި ލިޔުން ފަށްޓަވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ވޯލްގައި ލިޔުއްވާފައެވެ.

“ސްމައިލް އޮން” ކެމްޕޭނުގެ ތެރެއިން، ހަނގާކުރުމުން ރައްކާތެރިކުރުމުގެ މަހުގެ ގޮތުގައި، ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާރިޗުމަހުގެ 23އަށް، އެއްމަސްދުވަހުގެ މިހަރަކާތްތައް ކުރިޔަށް ގެންދާނީ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެންނެވެ.