English Edition
Dhivehi Edition

ތުރުކީ-ސޫރިޔާ ބޯޑަރު ސަރަހައްދަށް ބިންހެލުންތަކެއް އައިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން، އަނެއްކާ ވެސް ތުރުކީއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިފަހަރު ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 5.3 މެގްނެޓިއުޓްގެ ބާރުމިނުގައި ތުރުކީގެ ނިޖްދެ ޕްރޮވިންސްއަށެވެ.

މި ބިންހެލުން އައީ އެގައުމުގެ ގަޑިން މެންދުރު ފަހު 1:27ގައެވެ. ބިންހެލުން އައި ސަރަހައްދަކީ ތުރުކީ-ސޫރިޔާ ބޯޑަރު ސަރަހައްދާ 350 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

މި ބިންހެލުން އައިތާ ދެ ހަފުތާއެއްހާ ދުވަސް ކުރިން އައި ބިންހެލުންތަކުގައި 50،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ތުރުކީ އާއި ސީރިއާ ބޯޑަރަށް އައި މި ބިންހެލުމަށްފަހު އެތައް އާފްޓަޝޮކެއް އެ ސަރަހައްދަށް އައިސްފައިވާއިރު އޭގެ ފަހުންވެސް ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. އެގޮތުން މިދިޔަ ހަފުތާގައި އައި ބިންހެލުމުގައި ވެސް މީހުން ވަނީ މަރުވެފައެވެ

ބިންހެލުމުގައި ތުރުކީން އެކަނިވެސް 44،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ސޫރިއާގައި މަރުވި މީހުންގެ އަދަދަކީ 5،914 އެވެ.

ބިންހެލުމުގެ އަސަރު ތުރުކީވިލާތުގެ 11 ޕުރޮވިންސަކަށް ކޮށްފައިވާއިރު، ގެދޮރު ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް 200,000 އެޕާޓްމަންޓް ބިނާކޮށްދިނުމުގެ މަސައްކަތް އަންނަ މާރިޗު މަހު ފަށާނެ ކަމުގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ ވިދާޅުވެފައެވެ. ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން އެކަނިވެސް ވަނީ 185 މިލިޔަން ޑޮލަރުގެ އެހީ ފޮނުވާފައެވެ.

ބިންހެލުންތަކުން ސަލާމަތްވި މީހުންގެ ތެރޭގައި 356,000 އަށްވުރެ ގިނަ މާބަނޑު އަންހެނުން ހިމެނޭ ކަމުގައި އ.ދ.ގެ އިދާރާތަކުން ބުންޏެވެ. އަދި، އެ މީހުންނަށް މިހާރުންމިހާރަށް ޞިއްޙީ ފަރުވާ ބޭނުންވާ ކަމުގައި ވެސް އ.ދ.އިން ބުނެއެވެ.

ތުރުކީ-ސޫރިޔާ ބޯޑަރު ސަރަހައްދަށް އަނެއްކާވެސް ބިންހެލުމެއް މިއައީ ދެ ޕްރޮވިންސެއް ފިޔަވައި، އެހެން ސަރަހައްދުތަކުން ރެސްކިއު ޓީމުތަކުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށެވެ. އެމަސައްކަތް ހުއްޓާލައި، ބައިނަލްއަގްވާމީ ގިނަ ރެސްކިއު ޓީމުތައް ވެސް ވަނީ ތުރުކީން ފުރާފައެވެ.