English Edition
Dhivehi Edition

މީގެ ދެ ހަފުތާ ކުރިން ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ފުނޑުފުނޑުވެފައިވާ ތުރުކީއަށް އަނެއްކާ ވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ތުރުކީ އާއި ސީރިއާ ބޯޑަރު ސަރަހައްދަށް 6.5 މެގްނެޓިއުޑް ބާރުމިނުގައި އައި މި ބިންހެލުން އައިސްފައިވަނީ ރޭ ރާއްޖެ ގަޑިން 22:04 ޑެފްނޭ އަވަށަށް ކަމަށާއި އުތުރުން 200 ކިލޯމީޓަރު ދުރުގައި އޮންނަ އަންތަކްޔާ އާއި އަދާނާ ސިޓީއަށް މި ބިންހެލުމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ 10 ކިލޯމީޓަރު (6.2 މޭލު) އަޑިން ކަމަށެވެ.

ކުރިން އައި ބިންހެލުމަށް ވުރެ ރޭގެ ހެލުމުގެ ބާރުމިން ދަށެވެ. ރޭ އައީ 6.8 މެގްނެޓިއުޑްގެ ބިންހެލުމެކެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހު 5.8 ގެ ބާރުމިނުގެ ހެލުމެއް ވެސް އައެވެ. މި ބިންހެލުމުގެ ސަބަބުން މީހަކު މަރުވެފައިވާކަން އަދި މިހާތަނަށް ކަށަވަރު ވެފައެއް ނުވެ އެވެ. މި މަހުގެ ހަވަނަ ދުވަހު ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް ފުލުފުލުގައި އައި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ 7.8 އަދި 7.5 ބާރުމިނުގަ އެވެ.

ތުރުކީގެ ޑިޒާސްޓާ ޔުނިޓުން މިހާރު ދަނީ ރޭގެ ބިންހެލުމުގައި އެއް ވެސް މީހަކަށް ގެއްލުން ވެފައިވޭތޯ ބަލުންނެވެ.

މީގެ ކުރިން މި މަހުގެ ހަ ވަނަ ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި ސީރިއާ އާއި ތުރުކީން 46،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް އިމާރާތެއް ބިމާ ހަމަވިިއިރު އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެ ބިންހެލުމުގައި މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ވަަނީ ގެއްލިފައެވެ.