English Edition
Dhivehi Edition
އެއް އުންމަތެކޭމީ"ގެ ނަމުގައި ހާއްސަށް ފަންޑް ރެއިޒިންގ ކެމްޕޭނެއް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: މަހަލްދީބް ފައުންޑޭޝަން

ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އިލްމުވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެން “އެއް އުއްމަތޭމީ”ގެ ނަމުގައި ފަންޑްރެއިޒިން ކެމްޕޭނެއް ފަށައިފިއެވެ.

“އެއް އުއްމަތޭމީ” ކެމްޕޭން އިފްތިތާހުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ އިލްމުވެރިންނާއި އައިއޭސީން ވަނީ ބައިވެރިވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝެއިޙް އަބްދުﷲ ރަޝީދު ވިދާޅުވީ، އެ ދެ ގައުމުގެ ވަރަށް ގިނަ ފަރާތްތަކަށް ގެއްލުން ލިބުނު ކަމަށެވެ. އަދި ގިނަ ފަރާތްތައް ދުނިޔެ ދޫކޮށްވެސް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ކެމްޕޭނުގެ ދަށުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި އެކަމާ ގުޅޭ އެހެނިހެން މައުލޫމާތުތައް މިއަދުން ފެށިގެން ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް ލިބޭނެއެވެ. އަދި އަންނަ ހުކުރު ދުވަހުގެ ޚުތުބާ ވެސް ޚާއްސަ ކުރެވިފައި ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމާ ގުޅޭ ގޮތުންނެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ އައި އައިއޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި، މިއީ ހާލުގައި ޖެހިފައިވާ އެ ދެ ގައުމުގެ ރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން ފަންޑް ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ހިތްވަރު ބާރު ދިނުމަކީ މި ކެމްޕެއިންގެ މަގްސަދު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ބިންހެލުމުގެ ސަަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މާލީ ގޮތުން ރާއްޖޭގެ ރައްޔިތުންގެ އެހީތެރިކަމަށް އެދި ގޮވާލުމަކީވެސް މި ކެމްޕެއިންގެ މަގްސަދެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މި ކެމްޕޭނުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މިސްކިތްތަކުގައި ފަންޑު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބޮޑެތި މިސްކިތްތަކުގައި އެއް ފަންޑު ފޮއްޓަށްވުރެ ގިނަ ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައި އާއްމުން އެންމެ ގިނައިން އެއްވެއުޅޭ ތަންތަނުގައި ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް މެނޭޖުކޮށް ބަލަހައްޓައި، ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭނީ އައިއޭސީންނެވެ. ހަމައެގޮތަށް ހާލުގައިޖެހިފައިވާ މީހުންނަށް އޮންލައިންކޮށް ވެސް އެހީތެރިވުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އޮންލައިންކޮށް އެހީތެރިވާން ބޭނުން ނަމަ އައިއޭސީގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ގޮތް ވަނީ ހަދާފައެވެ.

މިހާރު ވެސް އައިއޭސީން ދަނީ މި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވަމުންނެވެ.

މި މަހުގެ ހަޔެއްގައި ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ. މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.