English Edition
Dhivehi Edition

ތުރުކީ- ސީރިޔާ ބިންހެލުމުގެ ކާރިސާގައި ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ހިންގާ ” އެއް އުއްމަތެކޭމީ!” ފަންޑްރައިޒިން ކެމްޕޭނުގެ ފަންޑުފޮށިތައް މިއަދު މާލޭ ސަރަޙައްދުގައި ހުކުރު ކުރާ ހުރިހާ މސިްކިތްތަކެއްގެ ކައިރީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އައިއޯސީސީން ބުނެފިއެވެ.

މިއަދު މެންދުރު 11:00 އިން 14:00 އަށް ފަންޑުފޮށިތައް ބަހައްޓާފައިވާ އިރު ވީހާވެސް ގިނަ ފަރާތްތަކުން މިކަމުގައި ބައިވެރިވެ ލައްވައި މުސްލިމް އަހުންނާއި އުހުތުންނަށް އެހީތެރިވެދެއްވުމަށް އައިއޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެދިލައްވަވާފައެވެ.

މިއީ ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ އިލްމުވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެން ހިންގާ ކެމްޕެއިން ހަރަކާތެކެވެ.

މި ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް މެނޭޖުކޮށް ބަލަހައްޓައި، ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދޭނީ އައިއޭސީންނެވެ. ހަމައެގޮތަށް ހާލުގައިޖެހިފައިވާ މީހުންނަށް އޮންލައިންކޮށް ވެސް އެހީތެރިވުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން އޮންލައިންކޮށް އެހީތެރިވާން ބޭނުން ނަމަ އައިއޭސީގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ގޮތް ވަނީ ހަދާފައެވެ.

މި މަހުގެ ހަޔެއްގައި ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ. މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާ ކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

މި ބިންހެލުމުގައި މިހާތަނަށް ތުރުކީން 36،187 މީހުން މަރުވެފައިވާއިރު، ސީރިއާގައި 5،800 މީހުން ވަނީ މަރުވެފައެވެ.