ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އަނިޔާވެރިކަމާ ކުރިމަތިލައްވަން ޖެހުނު ނަމަވެސް އަނިޔާވެރިންނަށް މައާފުކޮށް ހިތް ހަލާސްކޮށްފިން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ރަސްމީކޮށް ހުޅުވާދެއްވުމަށްފަހު ދެއްކެވި ވާހަކައިގައި ގާސިމް ވަނީ އަނިޔާވެރިކަމުގައި އެމަނިކުފާނު ހޭދަކުރެއްވި ދަތި އުނދަގޫ ރާސްތާގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް ތަފްސީލީ ގޮތެއްގައި އަސަރާއިއެކު ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭއިރު ގޮށްރާޅުތަކާ ކުރިމަތިލާންޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައިވެސް ގޮށްރާޅުތަކާއި ގަދަފަދަ ކޮޅިގަނޑުތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.
“ކޮންމެ ވެރިއަކުވެސް ވެރިކަން ކުރައްވާއިރު ރަނގަޅަށް ކުރެވިފައި ހުރި ކަންކަމާއި ނުބައިކޮށް ކުރެވިފައި ހުންނަ ކަންކަންވެސް ހުންނާނެ. އެހެންކަމުން ބަލަންޖެހޭނީ ރަނގަޅަށް ކުރެވުނު ކަންތައްތައް ގިނަތޯ. އެއްވެސް ވެރިއަކަށް ސަތޭކަ އިންސަތަ ބަރާބަރަށް ވެރިކަން ނުކުރެވޭނެ ” ގާސިމް ވިދާޅުވިއެވެ.