English Edition
Dhivehi Edition

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޙައްޤުތައް ކުރިއަރުވައި ޙިމާޔަތްކުރުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ރާއްޖެއަށް ހިޖުރަކޮށް ރާއްޖޭގައި ދިރިއުޅޭ ބިދެސީންގެ ހައްގުތައް ހިމާޔަތް ކުރުމާބެހޭ ސަރަހައްދީ ބައްދަލުވުން، “ރީޖަނަލް މީޓިން އޮން ދަ ޕްރޮޓެކްޝަން އޮފް މައިގްރަންޓްސް އިން ވަލްނަރަބަލް ސިޗުއޭޝަންސް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއީ އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހާއި އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންއިން އިންތިޒާމުކުރި ބައްދަލުވުމެކެވެ.

މި ބައްދަލުވުން ބޭއްވުމުގެ މަގްސަދަކީ ހިޖުރަކުރުމާ ގުޅޭގޮތުން ބައިނަލްއަގްވާމީގޮތުން އެކުލަވާލާފައިވާ ގްލޯބަލް ކޮމްޕެކްޓް ފޯ ސޭފް، އޯޑާލީ އެންޑް ރެގިއުލާ މައިގްރޭޝަންގެ ހަތްވަނަ އޮބްޖެކްޓިވް އަމަލީ ގޮތުން ކުރިއަށް ގެންދިއުމުގައި އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ހޯދިފައިވާ ކުރިއެރުންތަކާއި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ހިޖުރަކުރުމާ ގުޅިފައިވާ މައްސަލަތަކުގެ ހައްސާސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

މިގޮތުން، ކޯވިޑް-19ގެ ޢާލަމީވަބާއިން އަރައިގަތުމަށް ރާއްޖެއިން ކުރި މަސައްކަތްތަކުގައި ބިދޭސީންގެ ބައިވެރިވުން ހިމެނުމަށް ސަރުކާރުން ދިން އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި މުޖުތަމަޢުގައި އެކަކު އަނެކަކު ބަލައިގަތުމާއި ބައިވެރިވުން އިތުރުކުރުމާއި އިހުސާސްތައް ދެނެގަތުން އިތުރު ކުރުމަށްޓަކައި އ.ދ. އާއި މަދަނީ ޖަމިއްޔާތަކުގެ އެހީގައި މީސްމީޑިއާގައި ހިންގުނު ތަފާތު ޕްރޮގްރާމުތައް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއަށް ލިޔެކިޔުންނެތި އެތެރެވާ ހިޖުރަވެރިންނާއި ބެހޭ މައުލޫމާތުތައް ދެނެގަނެ އެފަދަ މީހުންނާއިމެދު އަމަލުކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރާއްޖެއަށް ހިޖުރާ ހިޖުރަވެރިންނަށް ދިމާވާ މައްސަލަތަކާއި އެކަމުގެ ހައްލުތަކާއި ގުޅޭގޮތުން ސަރަހައްދީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ޞަރަޙައްދީ އޮފީހުގެ ސީނިއަރ އެޑްވައިޒަރ އޮން މައިގްރޭޝަން އެންޑް ހިއުމަން ރައިޓްސް، ޕިއާ އޮބެރޯއި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް، ޚާއްސަކޮށް ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީން ޤަވައިދުތަކުގެ ތެރެއިން ނިޒާމުގެތެރެއަށް ވެއްދުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތް ފާހަގަކޮށް އެކަމަށް މަރުޙަބާ ދަންނަވާފައެވެ.