” ބިޒީ ” މި ބަހަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމުކޮށް ބޭނުންކޮށް އުޅޭ ބަހެކެވެ. ޚާއްޞަކޮށް ކަންކަމުން ރެކިގަތުމަށްޓަކައި މި ބަސް ބޭނުން ކުރާލެއް ވަރަށް ގިނައެވެ.
ތެދެކެވެ. މީހަކު ބިޒީ ވެދާނެއެވެ. އެހެނީ އަތް އުރާލައިގެން ކަމެއް ނެތިފަ ނުވަތަ ކަމެއް ނުކޮށް ތިބޭ މީހުންމަދުވާނެއެވެ. އެހެންކަމުން ކުރާ މަސައްކަތެއްގެ ބާވަތުން ބިޒީ ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ބިޒީ ވެގެންވެސް ނުކޮށް ދޫކޮށް ނުލެވޭނޭ ކަންކަން ނުވަތަ ބިޒީއޭ ކިޔާފައި ރެކިގަނެގެން ސަލާމަތް ނުވެވޭ ކަންކަން ހުންނާނެ ކަން އަހަރެމެން ދަންނަން ޖެހެއެވެ. ބިޒީ ވެގެން ވެސް ނުކޮށް އުޒުރުދައްކާ ރެކިނުގަނެވޭނޭ ކަންކަމުގެ ތެރޭގައި ދީނީ ފަރުޟުތަކާއި ވާޖިބުތައް ހިމެނޭނެކަން އަހަރެމެން ދަންނަން ޖެހެއެވެ.
ބިޒީވެގްން ވެސް އުޒުރުދައްކާ ނުކޮށް ދޫކޮށް ނުލެވޭނެ އެއްކަމަކީ ފަރުޟު ނަމާދުތަކެވެ. އެއީ އަހަރެމްންނަކީ މުސްލިމުންކަމުގައި ވީތީ ކޮންމެ ހެންވެސް ކުރަން ޖެހޭނެ ކަމެއްކަން އަހަރެމެން އެންމެންވެސް ޤަބޫލު ކުރާނެއެވެ. ނަމަވެސް ކަން މިހެން ހުރި ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުން އެ ބުނާ ބިޒީގެ ލަފުޒު ނަމާދު އެޅުމަށް އުޒުރުދައްކަން ވެސް ބޭނުންކުރާކަމީ ހަޤީޤަތެކެވެ. އެހެނީ އެ ބިޒީ ކަންމަތީ ފަރުޟު ފަސްނަމާދު ނުކޮށް މަސައްކަތުގައި އުޅުން އެއީ އެއްވެސް މީހަކަށް ކުރުން ހެޔޮވާނޭ ކަމެއް ނޫންނެވެ.
މި ލިޔުމުގެ އަހެރްނާއި އަހަރެންގެ ދުވަސްވީ ގާތް ރަހުމަތްތެރިއަކާއި ދެމެދު ދެކެވުނު ވާހަކައެއް ހިއްސާކޮށްލާނަމެވެ.
އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. އާންމުކޮށް މިހެން އުޅޭ އުޅުމުގައިވެސް ނަމާދަށް މިސްކިތައް އަރާތަނެއް ނުފެނެއެވެ. އެއްދުވަހަކު މަގުމަތިން އެ ރަހުމަތްތެރިޔާއާ އަހަރެންނާއި ދިމާވިއެވެ. އަދި ކުޑަ އިރުކޮޅަކު ވާހަކަ ދައްކާލަން މަގުގެ އެއްފަރާތު ހިޔަލުގައި ދެ މީހުން މަޑުކޮށްލީމެވެ. ދިރިއުޅުމުގެ ވާހަކައިން ގޮސް އަހަރެން އަހެރްންގެ އެ ރަހުމަތްތެރިޔާ ކުރެން އަހާލީމެވެ. ތިބާ މިސްކިތައް ނަމާދަށް ނުދަނީ ކީއްވެހެއްޔެވެ. އެއްގޮތަކަށް ވެސް މިސްކިތުން ނުފެންނަ ވާހަކަ އަހަރެން ބުނީމެވެ. އޭގެ ޖަވާބުގައި އެ ރަހުމަތްތެރިޔާ ބުންޏެވެ. އަހަރެން މިސްކިތައް ނުދިޔަޔަސް ނަމާދުކުރަމެވެ. މިސްކިތައް ނުދެވެނީ ބިޒީކަމުން ކަމަށް އޭނާ ބުންޏެވެ. ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން މިސްކިތައް ނުދެވޭ ވާހަކަ އޭނާ ބުންޏެވެ.
” ކިހިނެއް މިސްކިތައް ދާނީ. މިއުޅެނީ އުޅޭގޮތް،! ގިނަ ފަހަރު ގެއަށް ވަދެލަންވެސް ވަގުތެއް ނުވޭ، ބިޒީކަމުން. ” އެ ރަހުމަތްތެރިޔާ ވާހަކަ ދައްކަމުން ބުންޏެވެ. އެއާއި އެކު އަހަރެން ބުނީމެވެ. ތިބާ ދިރިއުޅެން ތިކުރާ މަސައްކަތައްވުރެ ނަމާދަށް މިސްކިތަށް ދިއުން މާ އައުލާކަން ބޮޑު ނޫންހެއްޔެވެ.
މިއީ ހަމައެކަނި އެ ރަހުމަތްތެރިޔާގެ ބަހެއް ނޫނެވެ. މިގޮތަށް ބިޒީކަމުން ނަމާދަށް ދާން ވަގުތު ނުވޭ ބުނާ މީހުން މަދުން ނަމަވެސް އެބަ އުޅެވެ. އެހެން ކަމުން މިއީ އަހަރެމެން ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހޭ ކަމެކެވެ. ކިތެންމެ ބިޒީ ވިޔަސް ނަމާދަށް ރައްކާތެރިވުމަށެވެ.