English Edition
Dhivehi Edition
ފޮޓޯ: ލާމު އަތޮޅު ތަޢުލީމީ މަރުކަޒު ފޭސްބުކް ޕޭޖް

ލާމު އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ ނަޞީޚް ބަދަލުކޮށް އެ ސްކޫލަށް ރަނގަޅު ޕްރިސިޕަލެއް އައްޔަން ކޮށްދިނުމަށް އެދި އެ ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅައިފިއެވެ.

އޭއޯ ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 200 އަށް ވުރެ ގިނަ ބެލެނިވެރިން މި ޕެޓިޝަނުގައި ވަނީ ސޮއިކޮށްފައެވެ. އަދި މި ޕެޓިޝަނާއި އެކު ލާމު އަތޮޅުގެ ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅާފައިވާ ސިޓީގެ ކޮޕީއެއް ވަނީ ލިބިފައެވެ.

ލާމު އަތޮޅު ތަޢުލީމީ މަރުކަޒުގެ މިހާރުގެ ޕްރިންސިޕަލް ނަޞީޙް ބަދަލުކޮށްދެއްވުންމަށް އެދި ބެލެނިވެރިން ސޮއިކޮށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީއަށް ފޮނުވާފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ މި ޕެޓިޝަނުގައި ބެލެނިވެރިން ސޮއިކޮށް އެޑިއުކޭޝަނަށް ހުށައަޅަން ޖެހުނީ ސްކޫލުުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނާތީ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

އަދި އެ ޕެޓިޝަނުގައި ބެލެނިވެރިން ކަންބޮޑުވާ 13 ކަމެއް ފާހަގަކޮށްފައިވާއިރު، އޭގެތެރޭގައި ޕްރިންސިޕަލާއި ސްކޫލުގައި ކިވައިދޭ ޓީޗަރުންނާއި ތަނުގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުންނާއި މެދު އެއްވެސް ގުޅުމެއް ނެތުމާއި، ސްކޫލުގެ އިދާރީ އޮނިގަނޑުގައި އޮތް ހައިރާކީއަށް ބެލުމެއް ނެތިން ތަނުގެ މުވައްޒަފުންނަށް އެންގުންތައް އެންގުމާއި، މި އަހަރުގެ މިހާތަނަށް އައިއިރު، ތަނުގެ ސީނިއަރ ލެވެލްގެ މުވައްޒަފުންނާއި އެއްވެސް ވަރަކަށް ބައްދަލުކޮށް ވާހަދައްކާފައިނުވުމާއި، ރަށާއި އަތޮޅުގެ އެކި މުއައްސަސާތަކާއި އޮން ގުޅުން ކުޑަކަމާއި، ސިޔާސީ ވިސްނުމުގައި ދަރިވަރުންގެ ކުރިމަތީގައި ތަނުގެ ޓީޗަރުންނާއި އިސް މުވައްޒަފުންނާއި ދެބަސްވެ ޒުވާބު ކުރުމާއި، ސްކޫލަށް މުވައްޒަފުން ނެގުމަށް އެކުލަވާލި ޕެނަލްގައި ތިބޭ ޕެނަލިސްޓުން ދޭ މާކްސްއަށް ނުފޫޒުފޯރުވުމާއި އަދި އެ ޕެނަލިސްޓުން އަތުން ބިރުދެއްކުމަށް ފަހު ބަޔާން ނެގުންފަދަ ކަންކަން ހިމަނާފައިވެއެވެ.

މީގެ އިތުރުން ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ބެލެނިވެރިންގެ ބައްދަލުވުމެއްގައި ބެލެނިވެރިއެއްގެ ފަރާތުން ސްކޫލް ކިޔެވުން ފަށާ ގަޑި ހެނދުނު 6:45 އަށް ހެދުމަށް ޚިޔާލް ހުށައެޅުމުން އެ ބެލިވެރިޔާއަކީ ހަރުކަށި ވިސްނުމެއްގެ މީހެއް ކަމަށް ސިފަކޮށް މަލާމާތްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ސްކޫލްގެ އިތުރު ހަރަކާތްތަކަށް އިސްކަން ދިނުން ވަރަށް ކުޑަކަމަށާއި ކުދިންގެ އަޚުލާޤީ ފެންވަރު ދުވަހެއް ދުވަހަކަށް ދަށަށް ދާކަން މި ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ސްކޫލުގެ ދަރިވަރުންނަށް އަތޮޅު ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި ފުރުސަތުތައް ހޯދައިދިނުމަށް އެއްވެސް މަސައްކަތެއް އެ ސްކޫލުގެ ޕްރިސިޕަލް ނުކުރާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.