English Edition
Dhivehi Edition

އިރުކޮޅެއްވަންދެން އަޔާން ފޯނަށް ބަލަން ހުއްޓެވެ. އެހެންނަމަވެސް ފޯނު ކެނޑުމުގެ ކުރިން އެފޯނު ނެގިއެވެ. ކަންފަތުގައި ފޯނު ޖައްސައިގެން އަޔާން ހުރީ އެކޮޅުން އެއްޗެއް ބުނޭތޯއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. ހަމަހިމޭން ވަގުތުކޮޅެކެވެ. ”ނައިނާ” އެންމެފަހުން އަޔާން އަށް ބުނެވުނެވެ. ” ހާދަ ސީދަލޭ! ވަރަށް މޮޅު! ކިހިނެތް އެނގުނީ އަހަރެންކަން! ނައިނާ އަޔާންއަށް ތަޢުރީފުކުރިއެވެ. ” ތި އިޙުސާސްތައް މިހިތުގައި ރަނިކަން ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ! ތިޔަ އަޑުއަހާލާ ހިތުން ނުނިދި ކިތަންމެ ރެއެއް ވޭތުވެއްޖެ! ތިޔަ ހަނދާންތަކުގައި ދީވާނާވާތާ ހާދަ ދުވަހެއްވެއްޖޭ! ތިޔަ ބުނީ އަޑު އެނގުނުވާހަކަ، ތިޔަ އަހަންނަށް އޮޅޭނެތަ؟ އަޔާންގެ އެ ޝާއިރާނީ ބަސްތައް އަޑުއަހަން ނައިނާ ހުރީ އަޖައިބު ވެފައެވެ.

” ހާލުބަލާލަން މިގުޅީ، ކިހިނެތްތަ މިހާރު؟ ނައިނާ ވަރަށް މަޑުމައިތިރިކަމާއެކު އެހިއެވެ. ޒަޚަމުތައް ލަކުނަށްވީތާ ކޮން ދުވަހެއް! ހާދަ މޮޅުބޭހެކޭ ތިޔަ އަޅައިދިނީ… އަޔާން އެހެން ބުނުމުން ނައިނާއަށް ހެވުނެވެ. އަޔާނަށްވެސް ހެވުނެވެ. ” ނައިނާ” އަޔާން ނައިނާއަށް ގޮވާލިއެވެ. ނައިނާގެ ގައިން ހީބިހި ނަގައިގަތެވެ. އެގޮވާލުމުގައި އެވަނީ ކޮންފަދަ އަސަރެއް ހެއްޔެވެ؟ ” ނައިނާއަށް އަހަރެން ކަމުދޭތަ؟ އަޔާން ސީދާ އޭނާގެ ހިތުގެ ގޮވުން ހާމަކުރިއެވެ. ” އަހަންނަށް ނައިނާ ވަރަށް ކަމުދޭ، ވަރަށް ލޯބި، އަހަންނަކަށް ނޭނގެ ނައިނާގެ ހިތުގައި އަހަންނާ ދޭތެރޭ އޮތީ ކޮންއެއްޗެއް ކަމެއް! ހަމަގައިމުވެސް އަހަންނަށް ނައިނާދެކެ ލޯބި ވެވިއްޖެ، އިންތިހާއަށް ލޯބިވެވިއްޖެ! ހައިރާން ވާވަރަށް ލޯބިވެވިއްޖެ! ނައިނާ ހުރީ ފިނިވިފައެވެ. ގަނޑުވެފައެވެ. އަޔާންގެ އެބަސްތައް ނައިނާގެ ހިތަށް އުފާވެރިކަން ގެނުއަމުން ދިޔައެވެ. ހުވަފެނީ ފޮނި އިހުސާސަތަކެއް ކުރުވަމުން ދިޔައެވެ.

ނައިނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބޭއިޚުތިޔާރުގައި ނަމަވެސް ނައިނާއަށް ވެސް އަޔާންގެ ޚިޔާލުތައް ކުރެވެއެވެ. އަޔާންގެ އެއިޙުސާސްތަކަށް ޖަވާބުދޭން ބޭނުންވިއެވެ. ” ދަރިފުޅާ ނައިނާ އާދެބަލަ” ނައިނާގެ މަންމަގެ އަޑު އިވުނެވެ. ” މަންމަ އެބަގޮވާ މިދަނީ އިނގޭ! އެހެން ބުނުމަށް ފަހު ނައިނާ ފޯނު ބޭއްވިއެވެ. އަޔާން ހިތް ގޮވިނަމަވެސް އެކަން ވާކަށް ނެތެވެ. ނައިނާގެ މަންމަ މީ ކޮންކަހަލަ މީހެއްޔެވެ؟ ދެލޯބިވެރިންގެ ދޭތެރެއަށް ވަންނަނީ ކީއްކުރަން ހެއްޔެވެ؟ އަޔާންގާތަށް ފާޑަކަށް ރުޅިއެވެ. ފަހުން އޭނާއަށް ހެވުނެވެ. ”ދެލޯބިވެރިން ” އެލަފުޒު ހިތަށް އެރުމުންނެވެ. އަދި މީ ދެލޯބިވެރިންނެއްވެސް ނޫނިއްޔަ، އަހަރެން ލޯބިވިޔަސް ނައިނާ އަހަރެންދެކެ ލޯބިވާ ކަމެއް އަދި ނޭނގެ،، އެކަނި ހުރެގެން އަޔާން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ހިތާއެވެ.

އެރޭގެ ވަގުތެކެވެ. ހިސާބަކަށް ނަލަވައިރޯޅި ޖެހެއެވެ. އުޑުމަތީގައިވާ ތަރިތައް ވިދާ ބަބުޅަމުން ދެއެވެ. ހަނދުހުރީ މެދު އުޑުގައި ފިޔަޖަހާލަ ޖަހާލައެވެ. އެ ހަނދުގެ ސާފުކަމާ ފުރިހަމަކަން ފެނުމުން ޤުދުރަތުގެ ފުރިހަމަކަމާމެދު ޝައްކެއް ކުރާނެ ޖާގައެއް ނެތެވެ. ނައިނާއާ ޝާނީ ނުކުތީ ރަށުތެރޭގައި ބުރެއް ޖަހާލުމަށެވެ. ޝާނީގެ ހިތް އެދެމުން ދިޔައީ އެއްފަހަރުނަމަވެސް އޭނާގެ ހިތުގެ ރަސްގެފާނު ފެނިލުމަށެވެ. ސިކުންތަކަށް ވިޔަސް ހެވެ. ނައިނާގެ ހާލަކީވެސް ހަމައެއެވެ. އަޔާން ފެނިލުމަށް ނައިނާގެ ހިތްވެސް ބުނަމުން ދިޔައެވެ. ދެމީހުން ހިނގަމުން ދިޔައީ އުތުރުފަރާތު ބަނދަރާ ދިމާގައި ހަނދާފައި ހުންނަ ގޮނޑިބަރިއާ ދިމާއަށެވެ. މަޑުމަޑުން ހިނގަމުން ގޮސް ގޮނޑިބަރިއާ އަރާ ހަމަވިއެވެ. ގޮނޑިއެއްގައި އިށީނދެލައި ހަމަޖެހިލިއެވެ.

” ނައިނާ ބަލާބަލަ އެހުރީ އަޅެ އެހުރީ އޭނަ، ނައިނާ،، ޝާނީއަށް ވީގޮތް ނުވެސް އެނގުނެވެ. ނަށަންފެށީއެވެ. ވީ އުފަލަކުންނެވެ. އެމީހުންނާ ތަންކޮޅެއް ދުރުގައި ދެތިން ފިރިހެނުން ރޭގަނޑުގެ މަސްވަރެކަން ނިންމާލާފައި އައިސް ތަކެތި ހަމަކުރުމުގައި އުޅޭތަން ފެނުނެވެ. ޝާނީ އިޝާރާތް ކުރި ދިމާއަށް ނައިނާވެސް ބަލައިލީ ޝާނީއަށް ވީ ވަރުންނެވެ. ނައިނާގެ ލޮލުގައި އަޅައިގަތީ އަޔާންއެވެ. އެތަނުގައި އަޔާން ހުއްޓެވެ. އާއެނކެވެ. އެއީ އަޔާންއެވެ. ނާމީއެވެ. ދެން އެމީހުންގެ އެކުވެރި ފާޒިރެވެ. ނައިނާގެ ހިތް ބާރަށް ތެޅިގަތެވެ. އަނެއްކާ ޝާނީއަށް ރީތިވި މީހަކީ އަޔާން ބާވައެވެ. އެހެން ނުވުމަށް އެދި ނައިނާ ހިތުން ދުޢާ ކުރިއެވެ.

” ނައިނާ އެހުރީ އަހަރެންގެ ރަސްގެފާނު، ޝާނީ އަނެއްކާވެސް ނައިނާއަށް އެ ފިރިހެންމީހާ ދެއްކިއެވެ. ” ކޮބާތަ އެތާ އެބަތިބި ތިންމީހުން އެތަނުން ކާކުތަ؟ ޔަޤީންކުރުމުގެ ބޭނުމުގައި ނައިނާ އެހިއެވެ. ” އެހުރީނު ކަޅުކުލައިގެ ޖޯޒީއެއް ލައިގެން އަޅިކުލައިގެ ސޯޓެއްލައިގެން” އަޅެ ރީއްޗެއް ނޫންތަ؟ ހިތެއް ނުކިޔާތަ؟ ޝާނީ އެދައްކަނީ އަޔާންއެވެ. ނައިނާއަށް އެމަންޒަރު ބަލަން ކެއްވާނެހެއްޔެވެ؟ ‘ ހަމަ.. ހަމަ އެއީތަ؟ ނައިނާއަށް ބުނެވުނެވެ. ” އާއެނކޭ ރީއްޗެއްނޫންތަ؟ އަހަންނަކަށް އަދި ނަމެއްވެސް ނޭނގެ، އުޅޭތަނެއްވެސް ނޭނގެ! ހިނގާބަލަ އެމީހުންނާ ތަންކޮޅެއް ގާތަށް! ޝާނީ އެހެންބުނީ ކިހާ އުފަލުން ހުރެކަން ނައިނާއަށް ފެނުމުން ދެރަވެސް ވިއެވެ. އެކަމަކު އަހަރެންގެ ހިތުގައި އަޔާންއަށް ދެވިފައިވާ މަޤާމު…ހިތާހިތުން ނައިނާ ކިޔަމުން ދިޔައެވެ.

” ޝާނީ މަށަކަށް ނުކުރޭނެ އެމީހުންގާތަށް ދާކަށް! އެހެން ނޫނަސް ވަރަށް ބޮލުގަރިއްސާ އެބަ! ހިނގާ ދެންދާން،،، އެހެން ފަހަރަކުން ބައްދަލުކުރާނީ!ނައިނާ ބޭނުންވީ އަވަހަށް އެތަނުންދާށެވެ. އޭނާއަށް އެމަންޒަރު ބަލަން ކެތެއް ނުވާނެއެވެ. އޭނާގެ ހިތުގައި އަޔާންއަށް ދެވިފައިވަނީ ވަގުތީ ޖާގައެއް ނޫނެވެ. ދާއިމީ ޖާގައެކެވެ. އަޔާންއަކީ އެހެން މީހެއްގެ ހައްޤަކަށް ވާކަށް ނައިނާ ނޭދެއެވެ. އެކަމަކު ޝާނީއަކީ ޅަދުވަހުގެ ރަޙުމަތްތެރިޔާއެވެ. ހެޔޮލަފާ ރަނގަޅު އެކުވެރިއެކެވެ. އުފަލާ ހިތާމަ ތަކުގައި ބައިވެރިވަމުން އަންނަ އެންމެގާތް އެކުވެރިޔާއެވެ. ނައިނާ އެހެން ބުނުމުން ޝާނީވެސް ގެއަށްދާން އެއްބަސް ވިއެވެ. އެކަމަކު ދާހިތަކުން ނޫނެވެ. އެދެމީހުން އެތަނުން ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ ފަހަތުން މީހަކު ގޮވާލިއެވެ. ” ނައިނާ” އެއީ އަޔާންގެ އަޑެވެ. ނައިނާއަކަށް ފަސްއެނބުރި ބަލާކަށް ނުކެރުނެވެ. ޝާނީ ވަގުތުން އެނބުރުނެވެ. އޭނާ ހުރީ އުފަލުން ފޮޅިފައެވެ. ކުރިމަތީގައި އެހުރީ މިހާރު އަބަދުވެސް އެމީހެއްގެ ސޫރަދެކެން ބޭނުންވާ ޝާނީގެ ރަސްގެފާނެވެ. އަޔާން ހުރީ ޝާނީގެ ކުރިމައްޗަށް ވާގޮތަށެވެ. ނައިނާ ހުރީ ފުރަގަސް ދީގެނެވެ. ތިންމީހުންވެސް ތިބީ ހިމޭނުންނެވެ. ( ނުނިމޭ )

 

1 ކޮމެންޓް
އަނާ
މާޗް 11, 2023
މިވާހަކަ މިހާހިސާބުން ނިންމާލީތަ؟ވާހަކަ އަޕްލޯޑް ނުވާތީވެ. މި ނޫހުގައި ހުންނަ ވާހަކަ ނުނިމޭކަން ހިތާމަ އާއި އެކު ފާހަގަ ކޮށްލަން. ވާހަކައިގެ ރީތިވާ ހިސާބަށް ދާއިރަށް ހުންނަނީ ވާހަކަ އަޕްލޯޑުނުކޮށް. އުއްމީދު ކުރަން އެގޮތަށް ދެން ނުވާނެ ކަމަށް. އުއްމީދުކުރަން ވާހަކަ ވަރަށް އަވަހައް އަޕްލޯޑު ކުރައްވާނެކަމަށް.