އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް އިން ހިންގަމުން އަންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓް އަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް (އަޔާޓާ) އިން ދޭ އަޔާޓާ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަންސްގެ ރަޖިސްޓްރޭޝަން އަދި ސްޓޭޝަން އެކްރެޑިޓޭޝަން ލިބިއްޖެއެވެ.
މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ އެއާޕޯޓްއަށް މިކަން ކާމިޔާބު ކުރެވިފައިވަނީ ‘އަޔާޓާ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަންސް’ އިން ބަލައިގަންނަ ފެންވަރަށްތޯ އެއާޕޯޓުގެ ކަންތައް އިންތިޒާމުކުރެވި ހިންގޭތޯ ބެލުމަށް އަޔާޓާ އިން ކުރެވުނު ވަރަށް ތަފްސީލީ އޮޑިޓަކަށް ފަހު ކަމަށެވެ. އެގޮތުން މި އޮޑިޓުގައި ބެލުނު ދާއިރާތަކުގެ ތެރޭގައި އެއާޕޯޓު ހިންގުމާއި މެނޭޖުކުރުމާއި، ލޯޑް ކޮންޓްރޯލް، ފަސިންޖަރުންނާއި ފަސިންޖަރުންގެ ދަބަސް ފަދަ ތަކެތި ބެލެހެއްޓޭ ގޮތާއި މަތިންދާބޯޓު އުޅަނދުފަހަރު ބެލެހެއްޓުމުގައި އަމަލުކުރާ ގޮތުގެ އިތުރުން އެއަރ ކްރާފްޓް ގްރައުންޑް މޫވްމެންޓްގެ އިތުރުން ކާގޯ އާއި އެހެނިހެން އެފަދަ ތަކެތި ބަލަހައްޓާ ގޮތް ހިމެނެއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު މިލިބުނު ކާމިޔާބީއާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ މިފަދަ ރަޖިސްޓްރޭޝަން އެއް ލިބުމަކީ އެއާޕޯޓް އަށް ކަޑަތު ކުރެވި ހާސިލު ކުރެވުނު ފުރިހަމަ ކާމިޔާބީއެއް ކަމަށާއި މިކަމުން އެ އެއާޕޯޓްއަށް ދަތުރުފަތުރު ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މި އޮޑިޓުގައި ބެލުނު ކަންތައްތަކުގެ މުހިންމު ކަން ސާބިތުކޮށްދޭ ކަމަށެވެ.
މީގެ އިތުރުން ގައިސް ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް އެއާޕޯޓުގެ ފެންވަރު މިއަށްވުރެން ރަނގަޅު ކުރުމަށް ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ އިތުރުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ގައިސް ވަނީ މުވައްޒަފުންނަށް ހިތްވަރުދެއްވާފައެވެ. އަދި މީގެ އިތުރުން ފާހަގަ ކޮށްލެވޭ ފެންވަރުގެ ވައިގެ ދޮރާއްޓެއް ރާއްޖޭގެ ދެކުނުގައި ހެދިގެން ދާ ތަނަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ކަމުގައި ހެދުމަށް މަސައްކަތްކުރުމަށްވެސް ގައިސް ވަނީ ގޮވާލައްވާފައެވެ. ގައިސް ވަނީ މިކާމިޔާބީ ހޯދުމުގައި މަސައްކަތް ކުރެއްވި އެ އެއާޕޯޓުގެ ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.
އަޔާޓާ ސޭފްޓީ އޮޑިޓް ފޯ ގްރައުންޑް އޮޕަރޭޝަންސް އަކީ ވައިގެ ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ގެންގުޅޭ ފަންނީ ކަންތައްތަކާއި އަދިވެސް އެހެނިހެން އެކަމާއި ގުޅޭ ކަންތައްތައްތަކުގެ ފެންވަރު ދެނެގަތުމުގައި ބޭނުންކުރެވޭ ސްޓޭންޑާޑެކެވެ. މި ސްޓޭންޑާޑަކީ ވައިގެ ދަތުރުފަތުރު ކުރާ ފަރާތްތަކުގެ މެދުގައި ބޮޑު އިތުބާރަކާއި ޔަގީންކަމެއް ލިބިފައިވާ ސްޓޭންޑާޑަކަށްވާއިރު އެ ފަރާތުން އޮޑިޓްތައް ކުރުމުގެ ކުރިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމާ ގުޅޭ ޓްރައިނިންގް ދީ ހަދައެވެ.