English Edition
Dhivehi Edition

އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާ އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ދެ މީހަކު ހައްޔަރުކޮށްފިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކު ކަމަށާއި، އެ ދެމީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ. އަދި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މާރިޗް މަހުގެ 11 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެ އޮޕަރޭޝަނުގައި، ގަން އިންޓަރނޭޝަނަލް އެއާޕޯޓު ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.