English Edition
Dhivehi Edition
ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު

ކައުންސިލް އިދާރާތަކުގެ އައު އޮފީސް އިމާރާތްތައް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިއަހަރު ތެރޭގައި 50 ރަށެއްގައި ކައުންސިލް އިދާރާތަކުގެ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް އެއްފަހަރާ ފެށުމަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއެއް ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަޞީލަތްތައް ޗައިނާ ސަރުކާރުން އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އޮފީސް އިމާރާތްތައް އަޅާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެކަމަށް ޚާއްޞަ އުޞޫލެއް ވެސް ވަނީ ތައްޔާރުކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކަނޑައަޅާފައިވާ ކްރައިޓީރިއާއަށް ބަލައިގެން އެ ރަށްތައް މި މަހުގެ ނިޔަލަށް ކަނޑައެޅުމަކީ ވެސް އަމާޒެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކައުންސިލް އޮފީސްތައް އިމާރާތްކުރާއިރު އެކަށީގެންވާ ޖާގައާއި ޒަމާނީ ވަޞީލަތްތަކާއި އިންސާނީ ވަޞީލަތްތައް އިތުރުކުރެވޭނެ ގޮތަށް ޤާއިމްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ކަންކަން ރާވައި ހިންގުމުގައި ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަކީ ދިވެހި ސަރުކާރުން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.