English Edition
Dhivehi Edition

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އިންޑިއާގެ އިމިގުރޭޝަނުން ހައްޔަރުކުރުމަށްފަހު އެ ޤައުމުން އަނބުރާ ފޮނުވައިލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއް ޞަމަދު (ސަމަދުބެ)އަށް ކުރި ފުރައްސާރައާއި ގުޅިގެން އެކަމަނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމަށް އެރުވުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާވަނީ ސަމަދުބެއަށް ވަރަށް ބޮޑަށް މަލާމާތްކުރައްވާފައެވެ. މި ގޮތުން މާރިޔާ ވިދާޅުވީ އަވައްޓެރި ޤައުމެއްގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން ގޮންޖަހައި އަޑުއުފުލާ ފައުޖެއްގެ ކުރީގައި ދިދަ ހިފައިގެން އުޅުއްވި ބޭފުޅެއްގެ ވާހަކަ މީޑިއާއަށް މިދޭތެރެއިން ތިލަވެގެން އުޅުނު ކަމަށެވެ. “ކެމެރާތައް ހުރީ އަޅުވާފައި. އޭނާ ވަޑައިގެން ވާހަކަދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މިހެން މޫނުގައި އަތް އަޅުއްވައި، އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތިކުރެއްވިހެން،” ސަމަދުބެއަށް މަލާމާތްކުރަމުން މާރިޔާ ވިދާޅުވިއެވެ. އޭނާ ބަންދުކޮށްފައިހުރީ އިމިގުރޭޝަނުގެ ފިނި ކޮޓަރިއެއްގައި ކަމަށާއި، އަނބުރާ ވަޑައިގެންނެވީ ކީރިތިކުރައްވަމުން ކަމުގައި ވިދާޅުވެ މާރިޔާ ވަނީ ނިކުމެ މިއުޅެނީ މިވަރު މީހުންކަމުގައި ވިދާޅުވެފައެވެ.

މާރިޔާގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ މިއީ ރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މާރިޔާ ކުރެއްވި ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި މޭރުމުން މާރިޔާ ވާހަކަދެއްކެވި އިރު ރާއްޖޭގެ ރައީސުލުްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަތްޖައްސަވަން ހުންނެވުމަކީ ލަތުވެތިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. ބޭރު ގައުމެއްގައި ދިވެހި ރައްޔިތަކާއި މެދު ހިނގާދިޔަ މިފަދަ ބޮޑު ނާއިންސާފެއްގެ އަމަލަށް ހަޖޫ ޖަހާ ވާހަކަދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާރިޔާ އަކީ ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަމާއި އެއީ އިންޑިއާގެ މިނިސްޓަރެއް ނޫންކަން ފާހަގަކޮށް ކެޕްޓަން އިހްސާން ވަނީ ޓުވިޓްކުރައްވާފައެވެ.