English Edition
Dhivehi Edition

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އޮކްޓޫބަރު މަހުގެ 2 ވީ ހުކުރު ދުވަހު ވިލިމާލެ ޕޮލިހުން އިންތިޒާމުކޮށްގެން ބޭއްވި “އިސްރަށްވެހިންގެ އުފާ” ހަރަކާތުގައި އައިކެއާ ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ. ދުވަސްވީ މީހުންގެ އަގުވަޒަންކޮށް، އެމީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ޚާއްޞަކޮށްގެން ބޭއްވި މި ހަވީރުގައި، އައިކެއާގެ ޓީމުން ވަނީ ވިލިމާލޭގެ އިސްރަށްވެހިންނަށް ލޮލުގެ ސްކްރީނިންގ ޚިދުމަތްތައް ފޯރުކޮށްދީފައެވެ.

މި ހަރަކާތަކީ މުޖުތަމަޢާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، އުމުރުން ދުވަސްވަމުންދާ ވަރަކަށް ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމަށް ލިބުނު އަގުހުރި ފުރުޞަތެކެވެ. ލޮލުގެ ފެނުން ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަކީ ދުވަސްވީ މީހުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ އުޅުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ފަސޭހަކަމާއެކު ކުރުމުގެ އިތުރުން، އާއިލާއާއެކު އުފާވެރި ވަގުތުތައް ހޭދަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން، އެފަރާތްތަކުގެ ލޮލުގެ ސިއްހަތަށް ސަމާލުކަން ދިނުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ކެޓަރެކްޓް (ލޮލަށް ފުސްއެރުން)، ގްލައުކޯމާ (ލޮލުގެ ޕްރެޝަރު މަތިވުން) އަދި އުމުރާ ގުޅިގެން މެކިއުލާ ހަލާކުވުން (އޭއެމްޑީ) ފަދަ ލޮލުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ބައެކެވެ. މީގެ އިތުރުން ހަކުރުބަލި ހުންނަ ފަރާތްތަކުން ލޮލުގެ ސިއްހަތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ލޮލުގެ ބައެއް ބަލިތަކަކީ އޭގެ ކުރީކޮޅުގައި އެއްވެސް އަލާމާތެއް ނުފެނި އަވަހަށް ބޮޑުވާ ބަލިތަކަކަށް ވާތީ، ލޮލުގެ ފެނުމަށް ބަދަލެއް ނައި ނަމަވެސް، ގަވާއިދުން ލޮލުގެ ފުރިހަމަ ޓެސްޓުތައް ހެދުން ވަރަށް މުހިންމެވެ. ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި މުސްކުޅިވުމުން ވާކަމެއް ކަމަށް ބަލައި ދޫކޮށްނުލައި، ޑޮކްޓަރަށް ދައްކައިގެން ބަލަންވާނެއެވެ.

މިފަދަ އަގުހުރި ހަރަކާތެއްގެ ތެރެއިން މުޖުތަމަޢު އެއްތަންކޮށް، މި ހަރަކާތުގައި ލޮލުގެ ސިއްހަތަށް ޚާއްޞަ އިސްކަމެއް ދެއްވި ކަމަށްޓަކައި ވިލިމާލެ ޕޮލިހުންނަށް އައިކެއާގެ ފަރާތުން އިޚްލާޞްތެރި ޝުކުރު އަދާކުރެއެވެ. މިފަދަ އިޖުތިމާޢީ ބައިވެރިވުންތަކުގެ ޒަރީއާއިން، ލޮލުގެ ސިއްހަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި ކޮންމެ އުމުރެއްގެ މީހަކަށްވެސް ދުޅަހެޔޮ ފެނުމެއް ހޯދައިދިނުމަށް އައިކެއާ އިން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވައެވެ.

އައިކެއާ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ހެއްދެވުމަށް އައިކެއާ ވެބްސައިޓަށް ޒިޔާރަތްކުރައްވާ ނުވަތަ ވަޓްސްއެޕް / ވައިބަރ މެދުވެރިކޮށް 7201026 އަށް ގުޅުއްވާށެވެ.