މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، “ޕްރޮޖެކްޓް ބައުކާލޯ — ރައްކާތެރި، ސާފުތާހިރު އަދި އޯގާތެރި މުޖުތަމައެއް” މިއަދު ހުޅުމާލޭގައި ރަސްމީކޮށް ފަށައިފި އެވެ. ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ފިޝަރީޒް މިނިސްޓްރީ އާއި، ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތައް އަދި ކަމާގުޅޭ މުހިންމު އިދާރާތައް ގުޅިގެން ފެށި ހާއްސަ ހަރަކާތެކެވެ.
މި މަޝްރޫއުގެ ފުރަތަމަ މަރުހަލާ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހުޅުމާލޭގައި ފަށާފައިވާއިރު، މައިގަނޑު އަމާޒަކީ މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ފަދަ ނަމޫނާ ނިޒާމެއް ބިނާކުރުމެވެ. ދިވެހި ފޯކްލޯރުގައި ބިރުވެރިކަމާ ގުޅުވާ “ބައޯކަލޯ” މި ނަމަށް އޯގާތެރިކަމާއި ރައްކާތެރިކަމުގެ އާ މާނައެއް ދީގެން ފެށި މި މަޝްރޫއުގެ ބޭނުމަކީ، އިންސާނީ އުސޫލުތަކާ އެއްގޮތަށް ބުޅަލުގެ އާބާދީ ކޮންޓްރޯލްކޮށް، އިންސާނުންނާއި ބުޅާ އެކުވެރިކަމާއެކު ދިރިއުޅެވޭނެ ސާފު މާހައުލެއް ގާއިމުކުރުމެވެ.
ހުޅުމާލޭގައި ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން “ޓްރެޕް-ނިއުޓާ-ރިޓާން” (ޓީއެންއާރު) އުސޫލު މެދުވެރިކޮށް ބުޅާ ދަރިމައިވުން ހުއްޓުވުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. މީގެ އިތުރުން ވެޓެރިނަރީ ފަރުވާ ފޯރުކޮށްދިނުމާއި، ޒިންމާދާރުކަމާއެކު ކާނާ ދިނުމާއި، ބުޅާ އެޑޮޕްޓްކުރުމަށް ބާރުއެޅުމުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް މި މަޝްރޫއުގައި ހިމެނެ އެވެ.
ޖަނަވާރުންގެ ހިމާޔަތަކީ ސަރުކާރުން ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ކަމެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވަނީ މަގުމަތީ ޖަނަވާރުންގެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި އެކުލަވާލި “ޖަނަވާރުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ގާނޫނު” 3 ޑިސެމްބަރު 2025 ގައި ރައީސް ވަނީ ތަސްދީގުކުރައްވާފަ އެވެ.
ކޮންޓްރޯލް، އަޅާލުން، ސާފުތާހިރުކަން، ކޯ-އެގްޒިސްޓް، ކޮމްޕެޝަން އަދި ކެޕޭސިޓީ މި ހަ އަސާސަށް ބިނާކޮށް ކުރިއަށްގެންދާ މި މަޝްރޫއުގައި ފިޝަރީޒް މިނިސްޓްރީގެ އިތުރުން އެޗްޑީސީ، އަމިއްލަ ޖަމިއްޔާތައް، ވެޓެރިނަރީ ކްލިނިކްތައް، ސްކައުޓް، ގާލް ގައިޑް އަދި ދައުލަތުގެ މީޑިއާ އިން ބައިވެރިވެ އެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި “ކެޓް ސޭފް ޕާކް” ތައް ގާއިމުކުރުން ފަދަ އަމަލީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ފަހު، މި މަޝްރޫއުގެ ކާމިޔާބީތައް ދައްކާލުމަށް 4 އޮކްޓޯބަރު 2027 ގައި ދުނިޔޭގެ ޖަނަވާރުންގެ ދުވަހާ ގުޅުވައިގެން ބޮޑު ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.