English Edition
Dhivehi Edition

އައްޑޫސިޓީގައި މީގެ ކުރިން އޮޕަރޭޓް ކުރަމުން އަންނަ ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނެވޭނެ ސީދާ ތާރީޚެއް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ވިދާޅުނުވެވުމުން އެ ކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދު ކުރި ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމާއި ކަންބޮނޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންގްރިއްލާއާ ގުޅޭ ގޮތުން ސުވާލު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެވެ.
އަޙްމަދު ރަޝީދު ވަނީ އިގްތިސާދު ރަނގަޅުވަމުން އަންނައިރު ޝަންގްރިއްލާއިން ޚިދުމަތް ދޭން ފަށައި ސަރުކާރަށް އާމްދަނީ އިތުރުވާނެ ގޮތަކަަށް މަސައްކަތް ފެށޭނީ ކޮން އިރަކު ތޯ ސުވާލުކުރައްވާފައެވެ.
ރަޝީދުގެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާ ހުޅުވަން ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ކޮށްދީފައިވާ ކަމަށާއި އޭގެ ތެރޭގައި ކުލި ކުޑަކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި އެ ރަށް މި އަހަރު އަލުން ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ޖަވާބާ ހިތްޕުޅާ ހަމަނުވެ ޝަންގްރިއްލާ ސީދާ ހުޅުވޭނެ ދުވަހެއް ހާމަކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.

ނަމަވެސް އެ ރަށް ހުޅުވޭނެ ސީދާ ދުވަހެއް މައުސޫމް ވިދާޅެއް ނުވެއެވެ.

“ޕްރައިވެޓް ވިޔަފާރިއެއް. ސަރުކާރުން ކޮށްދިން އެންމެ ބޮޑު ކަންތައް ކޮށްދީފި. އެއީ ކުލި ވަރަށް ކުޑަކޮށްދީފި. ދެން ސަރުކާރުގަ އޮތް ޝެއާ ދޫކޮށްލުމުގެ މަޝްވަރާތައް ނިމި އައްޑޫ ސިޓީގެ އިއްޒަތްތެރި މަޖިލިސް މެމްބަރުންނާއި ކައުންސިލް މެމްބަރުން ޝާމިލުވާ ގޮތަށް ވާހަކަ ދެކެވިފައިވަނީ،” މެމްބަރުގެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ގެ މި ޖަވާބާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެކަން ވާން އޮތީ ސަރުކާރުގެ ޝެއަރ ދޫކުރުމުން ކަން މިނިސްޓަރަށް ވެސް އެބަ އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ހިއްސާ ދޫކުރުމުގެ މައްސަަލަ އޮތީ ހުއްޓިފައިކަމާއި އެކަން ވާނީ ކޮން އިރަކުންތޯ ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.

“ކޮން އިރަކުންތޯއޭ ހިއްސާ ދޫކުރެވޭނީ. ކާކުތޯއޭ އެއްބަސްނުވެގެން އުޅެނީ. އަޅުގަނޑު ދެކޭގޮތުގައި ޝަންގްރިއްލާގެ މައްސަލަ މި މަޖިލީހުގައި ތަކުރާރުކޮށް އެބަ ސުވާލުކުރައްވާ. އެއަށް އެކަށީގެންވާ ޖަވާބެއް ލިބޭތަނެއް އަޅުގަނޑަކަށް ނުފެނޭ،” ރައީސް ނަޝީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކުރަން ނިންމި ނިންމުން އެ ރިސޯޓު ހިންގާ ކުންފުންޏާ ހިއްސާކޮށްފައިވާކަމަަށެވެ. އެ ކުންފުނިން ޖަވާބުދިނުމާއެކު ޝަންގްރިއްލާގެ މަސައްކަތް ފެށޭނެކަމަށް މައުސޫމް ވިދާޅުވިއެވެ.

ޝަންގްރިއްލާ މި އަހަރު ހުޅުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މިދިޔަ މަހު ފަހުކޮޅު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެ ރަށް އަލުން ހުޅުވާނީ އޮގަސްޓު ނޫނީ ސެޕްޓެމްބަރު މަހު ހާ ހިސާބުގައި ކަމަށެވެ.