English Edition
Dhivehi Edition

ފަންކާއަކީ އަގުހެޔޮކޮށް, ކޮޓަރި ފިނިކޮށްލަން ބޭނުންކުރާ އެއްޗެކެވެ. މިކަމަށް ގިނަ ބަޔަކު އާއެކޭ ބުނާނެއެވެ. ނަމަވެސް ހަޤީގަތަކީ ފަންކާއިން ކޮޓަރީގައި ހުންނަ ވައި ފިނިކޮށްނުދެއެވެ. ނަމަވެސް ފިނި ވައި ކޮޓަރިތެރޭގައި އަނބުރާލަދެއެވެ. އެގޮަތަށް ކޮޓަރިތެރޭގައި އެނބުރެމުންދާ ވައި އައިސް އިންސާނާގެ ހަންގަޑުގައި ޖެހުމުން ފިނިކޮށްދެއެވެ. މިގޮތަށް ގޮސް ހަށިގަނޑު އެއްކޮށް ފިނިކޮށްލަދެއެވެ. ސީލިންގ ފަންކާއިން ކޮޓަރި ފްރިޖެއްހާ ފިނިކޮށް ނުދޭނެއެވެ. ނަމަވެސް ކަރަންޓް ބިލް ކުޑަކޮށްދެއެވެ. ގިނަ ފަންކާ އޮޕަރޭޓްކުރުމަށް އާއްމުކޮށް ބޭނުންވަނީ 25 އާއި 90 އާއި ދެމެދުގެ ވޯލްޓްގެ ހަކަތައެވެ. ނަމަވެސް އެއަރ ކޯންއެއް އޮޕަރޭޓް ކުރުމަށް 2500 އާއި 3500 އާއި ދެމެދުގެ ވޯލްޓްގެ ހަކަތަ ބޭނުންވެއެވެ. އަދި ގިނަ އޭސީތަކަކީ ރިމޯޓް ކޮންޓްރޯލް އެއްޗެއްސައް ވުމުން ބޭނުން މިންވަރަކަށް ފިނި ބަދަލުކޮއްލަން ފަސޭހައެވެ. އޭސީ އަކީ ކަރަންޓްބިލް ބޮޑުކޮށްލާ އެއްޗެކެވެ. އެހެންނަމަވެސް ފަސޭހަކަމާއި އެކު ގޭތެރެ ފިނިކޮށްލަދޭ އެއްޗެކެވެ. ސީލިންގ ފަންކާއިން ހަށިގަނޑުގެ ހޫނުކަން ފިނިކޮށްލަދެއެވެ. ނަމަވެސް އޭސީ އިން ކޮޓަރީގެ ފިނި ހޫނުމިން ބަދަލުކޮށް ދެއެވެ. ކަރަންޓް ބިލް ބޮޑުވުމުގެ އިތުރުން އޭސީ ގަވައިދުން މެއިންޓެއިންކޮށް ނުބެލެއެއްޓޭނަމަ ވަރަށް އަވަހަށް މައްސަލަތައް ޖެހެންފަށައެވެ. މީގެއިތުރުން އޭސީ ފިނީގެ ސަބަބުން ހަންގަނޑު ހިއްކާލައެވެ. އެހެންއެވަނީ އޭސީއިން ފިނިކުރާއިރު ވައިގެ ތެތްކަން ދަށްކޮށްލާތީއެވެ. ފިނި ޤައުމުތަކުގައި މިކަމަކީ އެހާ ބޮޑު ކަމަކަށް ނުވިނަމަވެސް ހޫނު ޤައުމުތަކުގައި މިގޮތަށް ވުމުން އުނދަގޫތަކާއި ކުރިމަތިވެއެވެ. އެހެންކަމުން އޭސީ އަކީ އަވަހަށް ފިނިކޮށްލަން ބޭނުންނަމަ ރަނގަޅު އެއްޗެކެވެ. އަދި ސީލިންގ ފަންކާ އަކީ އަގުހެޔޮކޮށް ހަށިގަނޑު ފިނިކޮށްލަން ރަނގަޅު އެއްޗެކެވެ. ނަމަވެސް ސުވާލަކީ މިދޭތި އެކުގައި މަސައްކަތްކުރެވިދާނެތޯ އެވެ؟ މިހާރަކަށް އައިސް ގިނަގޭގޭގައި ފަންކާ އާއި އޭސީ އެކުގައި ބޭނުންކުރެއެވެ. އެއިގެ ސަބަބުން ގޭގެ ހޫނުމިން ވަރަށް އަވަހަށް ފިނިކޮށްލަދެއެވެ. އެހެންނަމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ މިދޭތި އެކުގައި ބޭނުންކުރާނަމަ އެންމެ ރަނގަޅު ގޮތަކީ ބޭނުންވާވަރަށް ފިނިވުމުން އޭސީ ނިއްވާލުމެވެ. އަދި އެފިނީގައި ފަންކާ ބޭނުންކުރުމެވެ. މިގޮތުން ކަރަންޓް ބިލްވެސް ކުޑަކުރެވި ފިނީގެ އިޙްސާސް ވެސް ލިބޭނެއެވެ.