English Edition
Dhivehi Edition
މާދެލަ ދާއިރާގެ ކައުންސިލަރ މުޙައްމަދު ފައިސަލް

އައްޑޫ ސިޓީ ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.

ޕީޕީއެމް ޓިކެޓް ގައި އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވިފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދު މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލު ބައިވެރިވެ ވަޑައިގެންނެވިއިރު ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކައުންސިލް މެޖޯރިޓީ ގެއްލިފައިވާއިރު މިއަދު ފައިސަލް އެމްޑީޕީއަށް ސޮއިކުރެއްވުމުން އައްޑޫ ސިޓީގެ މެޖޯރިޓީ ވަނީ އެމްޑީޕީއަށް ލިބިފައެވެ.

އައްޑޫ ސިޓީ ކައުންސިލުގައި މޭޔަރު ހިމެނޭގޮތަށް 13 މެމްބަރުން ތިއްބަވާއިރު އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކައުންސިލްގެ މެޖޯރިޓީ ގެއްލުނީ ޕީޕީއެމް އިން 3 ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 3 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބުކުރުމުންނެވެ. މި އިންތިހާބުގައި އެމްޑީޕީއަށް ފަސް ގޮނޑި ލިބިފައިވާއިރު މޭޔަރުގެ މަގާމަށް އިންތިހާބުވީ އެމްޑީޕީ މެމްބަރު އަލީ ނިޒާރުއެވެ.