އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު އާއި ފޭދޫ މާދެލަ ދާއިރާގެ މެމްބަރު މުހައްމަދު ފައިސަލް ވާދަކުރަން ނިންމައިފިއެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ނިންމާފައިވަނީ މިއަދު ބާއްވާ އައްޑޫ ސިޓީކައުންލްގެ ހަތަރުވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.
އައްޑޫ ސިޓީ ޑެޕިއުޓީ މޭޔަރުކަމަށް ޝުއާއު ގެންނަން އެމްޑީޕީގެ އައްޑޫ ކައުންސިލަރުން ފާސްކޮށްފައިވަނީ ރޭ އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.
އެމްޑީޕީ ހިތަދޫ އޮފީހުގައި ބޭއްވި މި ސިއްރު ވޯޓުގައި އެމްޑީޕީގެ ތިން ކައުންސިލަރަކުވަނީ މި މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މި ގޮތުން ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު މޫސާ އާއި ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސެއިން ޒަރީރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ރޭނެގުނު ސިއްރު ވޯޓުގައި މި ދެ މެމްބަރުންނަށްވެސް ލިބިފައިވަނީ، ކޮންމެ މެމްބަރަކަށް ދެ ވޯޓެވެ. ޝުއާއުއަށް ތިން ވޯޓު ލިބުނު އިރު އެމްޑީޕީން ވަނީ ޑެޕިއުޓީ މޭޔަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް އާއި ނައިބް ރައީސް ހޮވުމަށް އަމަލު ކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅާފައެވެ.
ޝުއާއުގެ އިތުރުން ފައިސަލްވެސް ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މި މަގާމު ކަނޑައަޅާނީ ކައުންސިލް މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
އައްޑޫ ސިޓީ ކައުންސިލަށް މި ދައުރުގައި 13 މެމްބަރުން ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ މެމްބަރު އަދި އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރުގެ އިތުރުން:
އެމްޑީޕީ މެމްބަރުން:
1- ކޮރޮވައު ދާއިރާގެ މެމްބަރު އިބްރާހިމް ޝިނާޒު މޫސާ
2- މެދުވަލު ދާއިރާގެ މެމްބަރު މުހައްމަދު ޝުއާއު
3- ރަސްގެދަރަ ދާއިރާގެ މެމްބަރު ހުސެއިން ޒަރީރު
4- ބޭރުމަތި ދާއިރާގެ މެމްބަރު މަރްޔަމް ސައީދު
5- މަރަދޫފޭދޫ ދާއިރާގެ މެމްބަރު ޙާލިދާ މުޙައްމަދު
6- ހުޅުދޫ ދާއިރާގެ މެމްބަރު ހުސައިން ފައިޒުއް ރަޙްމާން
ޕީޕީއެމް މެމްބަރުން
1- މީދޫ ދާއިރާގެ މެމްބަރު އާމިނަތު ސާލިޙާ
2- ފޭދޫ މަގުއްދޫ ދާއިރާގެ މެމްބަރު މަރްޔަމް ސަލްމާ
3- މާދެލަ ދާއިރާގެ މެމްބަރު މުހައްމަދު ފައިސަލް
އަމިއްލަ މެމްބަރުންގެ ގޮތުގައި
1- މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ނާދިރު
2- ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހްމަދު ސައީދު
3- މާމެންދޫ ދާއިރާގެ މެމްބަރު އާމިނަތު އަދާލާ ރަޝީދު