English Edition
Dhivehi Edition

އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ނިމިގެން ދިޔަ 2021 ވަނަ އަހަރު ޖުމްލަ 1،518،316.47 ހަރަދުކޮށްފިއެވެ.

މިއަދު އައްޑޫ ސިޓީ ކައުންސިލުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އައްޑޫ ސިޓީ އަންހެނުންގެ ކޮމިޓީ އިން މިއަހަރު ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް އެކިއެކި ހަރަކާތްތައް ހިންގުމަށް 6،549،050 ބަޖެޓެއް ވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް އެ އަހަރު ނިމުނު އިރު އެ ކޮމިޓީއަށް ހިންގިފައިވާ ހަރަކާތްތަކަށް ހަރަދުވެފައިވަނީ ޖުމްލަ 1،518،316.47 ރުފިޔާއެވެ.

އަންހެނުންގެ ކޮމިޓީގެ ރިޕޯޓް ދައްކާ ގޮތުން އެ ކޮމިޓީން 2021 ވަނަ އަހަރު ހިންގުމަށް ފާސްކޮށްފައިވާ ގިނަ ހަރަކާތްތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މި ގޮތުން އިޖްތިމާއީ ތަރައްޤީއަށް 6 ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ނިންމި އިރު އޭގެ ތެރެއިން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އިޖްތިމާއީ ތަރައްޤީއަށް އަންހެނުންގެ ކޮމިޓީއިން ކުރިއަށް ގެންދިއުމަށް ނިންމި މަސައްކަތްތަކުގެ ތެރޭގައި ހިތަދޫ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމާއި، ހުޅުދޫ މާފިށި ޕާކު ތަރައްޤީކުރުމާއި، ފޭދޫ މަލްޓި މީޑިއާ ލައިބްރަރީ ތަރައްގީކުރުމާއި, ހިތަދޫ ޑޭ ކެއާރ ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން މަރަދޫ ހޭންޑް ބޯލް ޓާރފް ދަނޑެއް އެޅުމާއި އަދި މަރަދޫފޭދޫ ސްކޭޓް ޕާކެއް ތަރައްޤީކުރުން ހިމެނެއެވެ،

އަންހެނުންގެ ކޮމިޓީއިން ތައުލީމަށް ކަނޑައެޅި ހަރަކާތްތަކުގެ ތެރެއިން %30 ހަރަކާތްތައް ވަނި ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން ބޮޑެތި މީހުންނަށް އިނގިރޭސި އެޑްވާންސް ކޯސް އާއި ބޭސިކް
އިނގިރޭސި ކޯހެއް ހުޅުދޫގައިވަނީ ހިންގާފައެވެ. އިޤްދިޞާދީ ފުދުންތެރިކަމުގެ ދާއިރާއިން 6 ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމިއިރު އޭގެ ތެރެއިން ކުރިއަށް ގެންދެވުނީ 2 ހަރަކާތެވެ. މި ގޮތުން މައި ކޮލެޖް އާއި ގުޅިގެން އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ބޭއްވުނު ދަނޑުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމާއި، ޕްރައިމް މޯލްޑިވްސް ގުޅިގެން، އައްޑޫސިޓީގައި ދަނޑުވެރިކަން
ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކުރުވިގެން ކުރިޔަށް ގެންދިޔަ ނަމޫނާ ދަނޑުވެރިޔާ ޕްރޮގްރާމް ހިމެނެއެވެ.

އަންހެނުންގެ ކޮމިޓީގެ ރިޕޯޓް ދައްކާ ގޮތުން ސިއްޙަތް ދާއިރާއިން ކުރުމަށް ނިންމި ހަރަކާތްތަކުގެ %30 މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވާ ދުވަސް ފާހަގަކުރުމަށް އެވެއަރނެސް ޕްރޮގްރާމެއް ބޭއްވުމުގެ އިތުރުން އައްޑޫސިޓީ ގުޅިފައިވާ 6 އަވަށުގައި ބިލްބޯރޑު ހަރުކުރުމުގެ މަސައްކަތްވަނީ ކޮށްފައެވެ. މީގެ އިތުރުން އެމްއާރްސީ އާއި ގުޅިގެން ފަސްޓް އެއިޑް ޓްރެއިނިންގް ކޯހާއި ބްރެސްޓް ކެންސަރ ސްކްރީނިންގް ޕްރޮގްރާމެއް ބޭއްވިގެން ދިޔައެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އައްޑޫސިޓީ ކައުންސިލް އިދާރާ، އ.ތ.މ ކޮމިޓީ އަދި އެފް. ސީ. އެސް.ސީ އާއި ގުޅިގެން 6ޑޭސް އޮފް އެކްޓިވިޒަމް އެގެ އިންސްޓް ޖެންޑަރ ބޭސްޑް ވަޔަލެންސް ކެމްޕެއިން” ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމާއި، ބައިނަލްއަޤުވާމީ ފިރިހެނުންގެ ދުވަސް ފާހަގަ ކުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް، ފިޠުރު ޢީދު ދުވަސް، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުން އަދި އަޟުޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައެވެ.