English Edition
Dhivehi Edition
ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ

އައްޑޫ ސިޓީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ އިންސްޓޯލް ކުރުމުގެ 95 އިންސައްތަ ނިމިއްޖެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އަމާޒު ހިފާފައި ވަނީ މިއަހަރުގެ ޖުލައި މަހަށް މި ފެސިލިޓީގެ މަސައްކަތް ނިންމުމަށް ކަމަށެވެ.

މިއީ ކުނި އަންދައިގެން ހަކަތަ އުފައްދާ ވޭސްޓް ޓު އެނަރޖީ ޕްލާންޓެކެވެ.

މިހާރު ކުރިއަށް ދަނީ މި ޕްލާންޓްގެ ކޮންޓްރޯލް ބިލްޑިންގ އާއި ވޭސްޓް އިންޓޭކް ބިލްޑިންގ ގެ މަސައްކަތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްލާންޓެކެވެ. އެގޮތުން 50 ޓަނުގެ ކުނި އަންދައިގެން މި ޕްލާންޓުން 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ އެވެ.

ދުވާލެއްގެ މައްޗަށް 1.5 މެގަވޮޓްގެ ކަރަންޓް މި ޕްލާންޓުން އުފެއްދޭއިރު އޭގެތެރެއިން 1 މެގަވޮޓްގެ ކަރަންޓް އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑަށް ފީޑް ކުރާނެއެވެ. އަދި 500 ކިލޯވޮޓް ގެ ކަރަންޓް ބޭނުން ކުރާނީ މި ފެސިލިޓީގެ ބޭނުންތަކަށެވެ.

މި ޕްލާންޓަކީ ރާއްޖޭގައި ކުނި މެނޭޖު ކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން މުޅި ރާއްޖެ ޒޯންތަކަކަށް ބަހާލައިގެން މައިގަނޑު ތިން ސަރަހައްދަކަށް ބެހުމަށް ފަހު ޒޯން 6 (ގއ އަދި ގދ) އާއި ޒޯން 7 (ޏ އަދި ސ) ހިމެނޭގޮތަށް އައްޑޫ ސިޓީގައި ގާއިމް ކުރާ ސަރަހައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒެވެ.

ރާއްޖޭން ބޭރުގައި ފަރުމާކޮށް އުފައްދާއިވާ މި ޕްލާންޓަކީ ރާއްޖޭގެ އެންމެ ދެކުނަށް އަމާޒުކޮށްގެން އެންވަރަމެންޓް މިނިސްޓްރީ އިން އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމް ކުރާ ޕްލާންޓެކެވެ.