English Edition
Dhivehi Edition

ރެއާ ލްމެޑްރިޑް ބަލިކުރުމަށްފަހު ވާދަވެރި ބާސެލޯނާއިން ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފި އެވެ.

ރިޔާދުގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއިންނެވެ.

ރޭ ކުޅުނު މެޗު ފަށައިގެން ބާސެލޯނާ އިން ރަނގަޅަށް ކުޅެމުންދިޔައިރު، މެޗުގެ 33 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގި އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީ ދިން ބޯޅައަކުން މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ގަވީ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން ދެ ވަނަ ގޯލެއް ޖަހައި، ލީޑުފުޅާކުރި އެވެ. މި ފަހަރު ގަވީ ދިން ބޯޅަ އަކަށް ހުސްކޮށް އަރައި މި ލަނޑު ޖެހީ ލެވަންޑޯސްކީ އެވެ.

ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ފަސް މިނިޓް ތެރޭ ބާސެލޯނާ އަށް ތިން ވަނަ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. ބާސެލޯނާގެ ފުލްބެކް، އަލެހަންދްރޯ ބާލްޑޭ ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާތެެރެއިން އޮސްމާން ޑެމްބެލޭ ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 69 ވަނަ މިނިޓްގައި ބާސެލޯނާގެ ތިން ވަނަ ގޯލު ޖެހީ ޕެޑްރީ އެވެ. މިއީ އޭރިއާތެރެއިން ގަވީ ހުރަސްކޮށްލި ބޯޅައަކަށް ހުސްކޮށް އަރައި، ޕެޑްރީ ޖެހި ގޯލެކެވެ.

ރެއާލުން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގަ އެވެ. ރެއާލްގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާއެވެ.

މިއީ ސްޕެނިޝް ސުޕަކަޕް ބާސާއިން ހޯދި 14 ވަނަ ފަހަރެވެ.