English Edition
Dhivehi Edition

ގަވާއިދާއި ހިލާފަށް ވެލި ނަގާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދީފިއެވެ.

ރަމްޟާން މަހާއި ދިމާކޮށް، ގޮނޑުދޮށުން ވެލި ނަގާ މައްސަލަ ބޮޑުވެފައިވާއިރު، މިއަދު އީޕީއޭ އިން ބުނީ ފަހަކަށް އައިސް، މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތި ވަމުންދާކަން ފާހަގަކޮށް އީޕީއޭ އިން ބުނީ ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ހަރަދު ބޮޑު އެހާމެ އުނދަގޫ ކަމެއްކަމަށެވެ. އިތުރަށް އީޕީއޭ އިން ބުނީ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި ވެލި ނަގަން ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދުތަކާއި ވަކި އުސޫލުތަކެއް ކަނޑައަޅާ އެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރެވިފައިވާނެކަމަށެވެ،

އެހެންކަމުން ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ “ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު” އާއި “ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ޤަވާއިދު” އާއި “ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު” ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އެ އެޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުންކަމަށެވެ.

ގަވާއިދާ ހިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީޕީއޭ އިން ވަނީ ދީފައެވެ،