English Edition
Dhivehi Edition

ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޗައިނާގައި ތަޢުލީމީ ހިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް މޯލްޑިވްސް މިޑިއާ ކައުންސިލުން ޗައިނާ އެމްބަސީގައި މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް އަޙްމަދު މުޞްޠަފާ، މެންބަރު މޫސާ ރަޝީދު، މެންބަރު އަލްއުސްތާޛާ އަރުމާން ރަޝީދު، މެންބަރު މުޙައްމަދު އަފްރާހް އަދި މެންބަރު ޢަލީ ނިޝާން އެވެ. ޗައިނާ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އޮނަރަބަލް ވަންގް ލިކްސިން އަދި ތާޑް ސެކްރިޓަރީ ޒަންގް ފެންގް އެވެ.

މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ޗައިނާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ޗައިނާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، އަދި މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށެވެ. މީގެ އިތުރުން، ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އޮނަރަބަލް ވަންގް ލިކްސިންގެ ވާހަކަފުޅުގައިވަނީ މީޑިއާކީ ރަހުމަތްތެރި ކަމާއެކު މުއާމަލާތްކުރުމަށާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މުހިންމު ބްރިޖެއް އަދާކުރާ ބައެއްކަމުގައި ސިފަކޮށްފައެވެ.

މީޑިއާ އެކްސްޗޭންޖްކުރުމާއި އެއްބާރުލުން ދިނުމަކީ ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް މުހިންމު ބައެއް ކަމަށާއި، މައުލޫމާތު ފެތުރުމާއި، ޝައްކުތައް ކުޑަކޮށް، ދެ ގައުމުގެ މެދުގައި ވިސްނުން އިތުރުކޮށް، އެކުވެރިކަން ބަދަހިކޮށް، ސަގާފީ މުއާމަލާތްތައް ކުރިއެރުވުމުގައި މުހިއްމު ދައުރެއް މީޑިއާއިން އަދާކުރާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޗައިނާގެ ސަފީރު އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ އޮނަރަބަލް ވަންގް ލިކްސިން ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ދެއްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލާއި ޗައިނާގެ މީޑިއާ ރެގިއުލޭޓަރީ ބޮޑީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް ގުޅުން ބަދަހިކޮށްދެއްވާ، މިދާއިރާއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.