English Edition
Dhivehi Edition

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އޮޕަރޭޓްކުރަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތަށް ވިސާ އަދި މާސްޓަރކާޑު މެދުވެރިކޮށް ފައިސާދެއްކޭނެ އިންތިޒާމް މިއަދު ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައިފި އެވެ.

އާރްޓީއެލް މާލެ ސިޓީ ބަސް ވިއުގަ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް އިން ދޫކުރާ ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ދަތުރަށް ފައިސާ ދެއްކޭނެއެވެ. ކާޑު ޕޭމަންޓްގެ އިތުރުން، އާރްޓީއެލް މޯބައިލް އެޕް މެދުވެރިކޮށް ބަސް އަދި ފެރީ ޓިކެޓް ކަސްޓަމަރުންނަށް ގަނެވޭނެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރައްކާތެރިކާމާއި ފަސޭހަކަމާއެކު އާރްޓީއެލް ވިއުގައި ޓެޕް-އެންޑް-ގޯ ޕޭމަންޓް ހަދާލެވޭނެ ކަމަށެވެ. އަދި ޕާރޓްނަރުންނާއެކު އިތުރު ޕޭމަންޓް ނިޒާމުތައް ގާއިމްކުރަން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ ހިދުމަތްތަކަށް އިންވެސްޓް ކުރުން.” އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން މާސްޓަރކާޑުގެ ކަންޓްރީ މެނޭޖަރ، ސްރީލަންކާ އެންޑް މޯލްޑިވްސް، ސަންދުން ހަޕުގޮޑަ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ، މިކަމަށް އެހީތެރިވެވޭކަމީ މާސްޓަރކާޑަށް ވެސް ލިބޭ އުފަލެއް ކަމަށެވެ. އަދި ކޮންޓެކްޓްލެސް މާސްޓަރކާޑު އޯޕަން ލޫޕްގައި ބޭނުންކުރެވޭގޮތް ހަމަޖެހިގެންދިޔުމާއެކު ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ހޯދައިދެވި، ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުން ގިނަވެ، މި ހިދުމަތް ބޭނުންކުރާ ދަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

“މާސްޓަރކާޑުން ދުނިޔޭގެ އެތައް ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަން ފޯރުކޮށްދެމުން. އަޅުގަނޑުމެންނަށް ރާއްޖޭގައި މިހިދުމަތް ދިނުމުގެ އެހީތެރިކަންފޯރުކޮށްދީ މިކަމުގައި ބައިވެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ދުނިޔޭގެ އެކިއެކި ސްމާޓް ސިޓީ ތަކުގައި އެންމެ ގިނައިން ބޭނުންކުރާ ޕޭމަންޓް މެތަޑްގެ ގޮތުގައި އޯޕަން ލޫޕް ހިމެނޭއިރު އަޅުގަނޑުމެންގެ މަސައްކަތުން މި ލިސްޓަށް ދިވެހިރާއްޖެ އިތުރުވެގެންދާކަމީ އަޅުގަނޑުމެން ފަޚުރުވެރިވާކަމެއް.” ހަޕުގޮޑަ ވިދާޅުވި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވަނީ އާރްޓީއެލް ބަސް ވިއުގަ ގައި ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމްކުރުމަށް ޕާރޓްނަރުންކަމަށްވާ، ބީއެމްއެލް އަދި މާސްޓަރކާޑުން ވެދެއްވި އެހީއާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

“މިއީ އަޅުގަނޑުމެންގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އަދި އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރެވޭކަމީ އަޅުގަނޑުމެންގެ އާރޓީއެލް ބަހުގެ ހިދުމަތް އިތުރު ފަރާތްތަކުން ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ފަސޭހަކަމާއެކީ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފެންވަރަ ރަނގަޅު ހިދުމަތެއް ދިނުން.” އާޒިމް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.