English Edition
Dhivehi Edition
ފޮޓޯ: މީޑިއާ ކައުންސިލް

ދިވެހި ނޫސްވެރިންނަށް އިންޑިއާ އިން އިތުރު ތަމްރީނު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާ ކޮށްފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ މުނޫ މަހާވަރާއި ފަސްޓް ސެކެރެޓަރީ ކަރަން ޔާދޭވް އާއެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ބޭއްވި މި ބައްދަލު ކުރުމުގައި އިންޑިއާގެ ތަޢުލީމީ ޚިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައިދިނުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ އަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ދިވެހިރާއްޖެއަށް ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށް ކަމަށް އެމްއެމްސީ އިން މައުލޫމާތު ދެއްވަ އެވެ.

މީގެ އިތުރުން ދާއިރާގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައިވާ ކަމަށް އެމްއެންސީ އިން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

އެ ކައުންސިލުން ބުނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު މުނޫ މަހާވަރު، ދެއްވާފައިވާ ކަމަށެވެ.

މި މަޝްވަރާތަކުގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ، ކައުންސިލްގެ މެންބަރު މުހައްމަދު އަފްރާހް، މެންބަރު މޫސާ ރަޝީދު، މެންބަރު އުސްތާޒާ އަރްމާން ރަޝީދު އަދި ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރު ކަމަށެވެ.

އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހައިކޮމިޝަނަރ މުނޫ މަހާވަރާއި ފަސްޓް ސެކެރެޓަރީ ކަރަން ޔާދޭވް އެވެ.