މާލޭ މަގުމަތީގައި ކުނި ބަހައްޓާ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނުގެ ލިސްޓެއް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.
ގޭބިސީތަކުގެ ކުނި އެއް ކުރާ މާލޭގެ ސަރަހައްދުތައް ފާހަގަކޮށް އާއްމުކުރި ލިސްޓުގައި 18 ތަނެއް ހިމެނެއެވެ. އެ ލިސްޓު އާންމުކޮށް މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓުގައި ވަނީ، ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކޮށް އެއިން އެއްވެސް ތަނެއްގައި ކުނި ނުބަހައްޓުމަށް އިލްތިމާސްކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން ފާހަގަކުރެވިފައިވާ، މާލޭގައި އާންމުކޮށް ކުނި އަޅާ ތަންތަނުގެ ލިސްޓް. ކައުންސިލްގެ އެދުމަކީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކޮށްދެއްވާ، މީގެން އެއްވެސް ތަނެއްގައި ކުނި ނުބެހެއްޓެވުން.1/2 pic.twitter.com/o0MKp4nYeG
— Male' City Council (@MaleCitymv) January 1, 2023
މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ މީގެން އެއްވެސް ތަނެއްގައި ކުނި ބަހައްޓާ ފަރާތެއް ފެނިއްޖެނަމަ ނަސޭހަތްތެރިވެ އެކަން ހުއްޓުވުމަށްވެސް އެދިފައެވެ. އަދި އެކަން ނުހުއްޓުވިއްޖެ ނަމަ ކައުންސިލުގެ ކޯލް ސެންޓަރުގެ ނަމްބަރު 1622 އަށް ގުޅައިގެން ރިޕޯޓު ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މީގެ ކުރިން ސިޓީ ކައުންސިލުން، މާލޭގެ މަގުތަކާއި މައިޒާންތަކާއި ޕާކުތައް ސާފުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ވެމްކޯއާއެވެ. އެހެންނަމަވެސް އެ ކުންފުނީގެ ޒިންމާ ރަނގަޅަށް އަދާނުކުރުމުން މިދިޔަ މަހުން ފެށިގެން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އާ ނުކުރަން ކައުންސިލުން ވަނީ ނިންމައިފައެވެ.