English Edition
Dhivehi Edition

ޚަރަދު ކުރުމުގައި މެދުމިންވަރަކަށް އަމަލުކުރުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރި ވެއްޖެ އެވެ.

މިއަދުގެ ހުކުރު ޚުތުބާ “އިޤްތިޞާދު ކުރުން” މިމައުޟޫއަށް ޚާއްސަކޮށްފައިވާއިރު، ޚުތުބާގައި ބުނީ ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ހޭދަ ކުރުމަކީ، އިސްލާމް އިޤްތިސާދުގެ މުހިންމު އަސާސެއް ކަމަށެވެ.

އެގޮތުން ޚަރަދު ކުރުމުގައި މެދުމިންވަރަކަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވާއިރު، އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ބޮޑެތި ޤައުމުތައް ތަރައްޤީވެފައިވަނީ، އުފެއްދުންތެރިކަމާއި، އިޤްތިސާދު ކުރުން، އެއީ އެންމެ މުހިންމު ދެ އަސާސްކަމުގައި ބަލައިގެން މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.

“ތަނަވަސްކަމާއި ދަތި ހާލުގައިވެސް، ޚަރަދުތައް ކުޑަކޮށް، ބޭކާރު ކަންކަމަށް ހޭދަކުރުމުން އެއްކިބާވުމަށް ގޮވާލަން. އަދި ތިމާއަށް ލިބޭ އެއްޗަކުން ފުއްދައި، އިގްތިސާދުކުރުމަށް ދަސްކުރުމަށް ނަސޭހަތްތެރިވަން.” ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން އިންސާނާގެ ދިރިއުޅުމަކީ އޭގެ މިންވަރު ކަނޑައެޅިފައިވާ އެއްޗަކަށް ވާހިނދު ދުނިޔޭގައި އުޅެން އޮތް ދުވަސްތަކަކީ ގުނައި އަދަދު ކުރެވޭހާ މަދު ދުވަސްކޮޅެއް ކަމަށާއި އެހެންކަމުން އެ މުއްދަތު ހަމަވުމުން އެންމެ ހިނދުކޮޅަކަށްވެސް ލަހެއް ފަހެއް ނުވާނެކަން ވެސް ޚުތުބާގައި ވަނީ ހަނދުމަކޮށްދީފަ އެވެ.

އަބަދުވެސް މީހުންގެ ހައްގުތަކާއި ދަރަނިތައް އަދާކޮށް، މަރަށް ތައްޔާރުވެގެން ތިބުމަށް ވެސް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލާފައި ވެއެވެ.