English Edition
Dhivehi Edition

އައްޑޫސިޓި ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓްގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު އާއި ގުޅޭގޮތުން ހުށަހަޅާފައިވަނީ އަވަސް ނިޔާގެ ހުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރައަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ހިލާފަށް މައްސަލައިގެ ހުކުމް ކޮށްފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޖޭއެސްސީން ބުނެފައިވަނީ މެޖިސްޓްރޭޓް ރަފީއުއްދީނާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ތަހުޤީޤުކުރުމަށް ނިންމާފައިވާކަމަށާއި އެކަމާއި ގުޅިގެން މައްސަލަ ތަހުޤީޤުކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 91 ވަނަ ޖަލްސާއިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ޖޭއެސްސީ އިން މީގެ ކުރިންވެސް ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ވަނީ ބަލާފައެވެ. އެ މައްސަލައަކީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާތީ ބަލާފައިވާ މައްސަލައެކެވެ.